ރާއްޖޭގެ ހޫނުމިން ބައެއް ވަގުތުތަކުގައި 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭތީ ބޭރަށް ނުކުމެ އުޅޭ އިރު ސަމާލުވުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މި ދުވަސްވަރު ވައި މަޑުވެ، އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސް ކުރެވޭ ހޫނިމިން އެތައް ގުނައެއް މަތިވެފައިވެ އެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި 'ފީލްސް ލައިކް ޓެމްޕެރޭޗާ' ނުވަތަ އިހުސާސް ކުރެވޭ ހޫނުމިން ހުރީ ހަނިމާދޫ ގައި 40.4 ޑިގްރީ ސެލްސިއަސް ހުޅުލެ ގައި 39.3 ޑިގްރީ ސެލްސިއަސް، ކައްދޫ ގައި 40.4 ޑިގްރީ ސެލްސިއަސް، ކާޑެއްދޫ ގައި 39.6 ޑިގްރީ ސެލްސިއަސް އަދި ގަމިގައި 39.8 ޑިގްރީ ސެލްސިއަސް އަށެވެ.

މި ފަސް ސްޓޭޝަނުން ރިކޯޑު ކުރެވޭ ފިނިހޫނުމިން މެޓް އޮފީހުގެ ވައިބާ ގްރޫޕުގައި ކޮންމެ ދުވަހަކު ހެނދުނު އެގާރަ ޖަހާއިރާއި ދޭއް ޖަހާއިރު އަދި ހަވީރު ފަހެއް ޖަހާއިރު ހިއްސާ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. ކޮންމެ ދުވަހަކުވެސް އެންމެ ހޫނު ގަދަވާ ކަމަށް ފާހަގަކުރެވެނީ މެންދުރުފަހު ދޭއް ޖަހާއިރު ކަމަށް މެޓުން ބުނެފައިވެ އެވެ.

ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ ފާހަގަކޮށް، ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް މެޓް އޮފީހުން ވަނީ ހިއްސާކޮށްފައެވެ.

ތުއްތު ކުދިން، އުމުރުން ދުވަސްވީ މީހުން އަދި އަވީގައި މަސައްކަތް ކުރާ މީހުންނަށް ހޫނު ގަދަވުމުގެ ސަބަބުން ތަފާތު ސިއްހީ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން ވަރުދެރަވުން އަދި ހޭނެތުން އަކުނިވަޔަށްދެމުމާއި ބޮލުގައި ރިއްސާ ބޯއެނބުރުމާއި ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ކުޑަކަމުދެވޭ މިންވަރު މަދުވެ އަދި ކުޑަކަމުދާއިރު ކުލަ ގަދަކޮށް ހުރުން ފަދަ ކަންކަން ކުރިމަތިވެ އެވެ. އަދި ލޮލަށް ލިބޭ ގެއްލުމާއި ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނަގާ ގަދައަށް ދާހިއްލާ ހޮޑުލެވުން ފަދަ ކަންކަން ކުރިމަތިވެ އެވެ.

އެހެންކަމުން ހޫނުގަދަ ގަޑިތަކުގައި ތުއްތު ކުދިން ބޭރަށް ނުގެންދިޔުމަށާއި ގެންދަން ޖެހިއްޖެ ހާލަތުގައިވެސް ރައްކާތެރި ފިޔަވަޅު އެޅުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

  • ކުޑަ ބޭނުން ކުރުން ކުލަ މަޑު، ހަށިގަނޑު ނިވާވާފަދަ ހެދުން ލުން
  • ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮތްޕެއް ބޭނުންކުރުން
  • ގިނަވަގުތު އަވީގައި ހޭދަކުރާނަމަ އެސްޕީއެފް 15 އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުންކުރުން
  • ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން
  • ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން
  • ގިނައިން ހަކުރު ހުރި ބުއިންތައް ބޭނުންނުކުރުން
  • އެންމެ ހޫނު ގަދަވާ ވަގުތު ބޭރަށް ނުނިކުތުން