އޯލެވެލް އިމްތިހާނު، 6،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.

ޖުމްލަ 244 ސެންޓަރެއްގައި އެސްއެސްސީ އިމްތިހާން ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގަ އެވެ. ފުރަތަމަ އޮތީ އިސްލާމް މާއްދާގެ ޕޭޕަރު އެކެކެވެ. ހުރިހާ ސެންޓަރުތަކުން ވެސް ވަނީ ގަޑިއަށް އިމްތިހާނު ފަށައިފަ އެވެ.

މި އަހަރުގެ އެސްއެސްސީ އިމްތިހާނުގައި ޖުމުލަ 6،107 ދަރިވަރުން ބައިވެރިވެ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، 444 ދަރިވަރުންގެ އިތުރުވުމެކެވެ.

އެސްއެސްސީ އިމްތިހާނަށް ފަހު އަންނަ މަހުގެ ދެ ވަނަ ދުވަހު ކެމްބްރިޖް އޯލެވެލް އިމްތިހާން ފަށާނެ އެވެ. އެ އިމްތިހާނުގައި ޖުމުލަ 6،698 ދަރިވަރުން ބައިވެރިވެ އެވެ. އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 759 ދަރިވަރުންގެ އިތުރުވުމެކެވެ.

އޯލެވެލް އިމްތިޙާން ނިމޭނީ ޖޫން މަހުގެ އަށްވަނަ ދުވަހު އެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ އިމްތިހާނަށް ވަނީ މައިގަނޑު ދެ ބަދަލެއް ގެނެސްފައިވެ އެވެ. އެގޮތުން ކުރީގައި އެންމެ ފުރަތަމަ ބާއްވަނީ އިސްލާމް މާއްދާގެ ޕޭޕަރު ދޭއް ނަމަވެސް މިފަހަރު އެންމެ ފުރަތަމަ އޮތީ އިސްލާމް ޕޭޕަރު އެކެކެވެ. މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި އަތުކުރި ގަޑި އަޅައިގެން އިމްތިހާނުގައި ބައިވެރިވެވުނު ނަމަވެސް މިފަހަރަަކު ގަޑި އަޅައިގެން އިމްތިހާންގައި ބައިވެރިއެއް ނުވެވޭނެ އެވެ.

އެގޮތުން އާދައިގެ އަތުކުރި ގަޑިއެއް އިމްތިހާން ހޯލަށް ވެއްދުނު ނަމަވެސް، އެ ބާއްވަން ޖެހޭނީ އިންވިޖިލޭޓަރަށް ފެންނަ ގޮތަށް މޭޒުމަތީގަ އެވެ. އެ ބަދަލު ގެންނަން ނިންމީ ކޭމްބްރިޖުން ފޯރުކޮށްދޭ ހުރިހާ އިމްތިހާނެއްގެ މައި އިދާރާ ޖޭސީކިޔުގެ ލަފާގެ މަތިންނެވެ.