ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހިއްކަމުންދާ ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅަށް، ދައުލަތުގެ މަތީ އިއްޒަތް އަރުވާފައިވާ ހުރިހާ ބޭފުޅުން ތެދުވެވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް ޔާމީން މިކަމަށް ގޮވާލެއްވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ، ރަސްމާލޭގެ ދެބައިކުޅަ އެއްބައި އީގަލް ހިލްސް ކުންފުންޏަށް ތާއަބަދަށް ލިބޭ ގޮތަށް ދޫކޮށްލުމަކީ ދައުލަތަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް އަޑުއުފުލުމަކީ ގައުމުގެ ހައްގުގައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ދައުލަތުގެ އިއްޒަތުގެ ޝަރަފު އަރުވައިފައިވާ ހުރިހާ ބޭފުޅުން ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅު ހައްދަވައި އިހުތިޖާޖުކޮށްދެއްވަން އަޅުގަނޑު އިލްތިމާސްކުރަން. މި ވަރުގެ ބޮޑު ހިޔާނާތަކާ ދެކޮޅުކަން ގައުމުގެ ހައްގުގައި ހާމަކޮށްދެއްވާ،" ރައީސް ޔާމީންގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް ޔާމީން މިފަދައިން ގޮވާލައްވާފައިވާއިރު، މި މަޝްރޫއާ ދެކޮޅަށް ސިޔާސީ އެކި ޕާޓީތަކުގެ އިސް ބޭފުޅުންނާއި، ކުރީގެ ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަދި މިހާރުގެ ބައެއް މެންބަރުންވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ރަސްމާލެއިން ބޭރުގެ އެއްވެސް ފަރާތަކަށް ބިން ކުއްޔަށް ނުދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައި އޮތް ނަމަވެސް، ޔޫއޭއީގައި ވަނީ އެ ބިން ދޫކޮށްލުމުގެ އެއްބަސްވުމެއްގައި ސިއްރިޔާތުގައި ސޮއިކޮށްފަ އެވެ.
އެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ބޭރުގެ މުއްސަނދިންނަށް ދާއިމީކޮށް އެ ސަރަހައްދުގައި ވަޒަންވެރިވެވޭ ގޮތަށް ބިން ދޫކޮށްލަނީ އެކުއިޒިޝަން ކޯސްޓެއް ނުވަތަ ބިމު ކުއްޔެއްވެސް ނުނަގަ އެވެ. އަދި މި މަޝްރޫއުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވެނީ އެތަނުގައި ތަރައްގީކުރާ އިމާރާތްތައް ވިއްކައިގެން ލިބޭ އާމްދަނީގެ ތެރެއިން 10 އިންސައްތައާއި 4 އިންސައްތައިގެ ކުޑަ ފީއެއް ކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
ނަމަވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ބުނެފައިވަނީ ރަސްމާލެ މަޝްރޫއަކީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ގައުމީ ބޮޑު މަޝްރޫއެއް ކަމަށެވެ.
ބޮމުގެ އިންޒާރާއެކު ވެސް ދިލްޖީތުގެ ކޮންސެޓު ކާމިޔާބު!
ހުއްދަ ނެތި އިލެކްޓްރޮލައިޓްސް ބުއިންތައް ވިއްކުން މަނާކޮށްފި
130 ކިލޯގެ ޑްރަގް ކޭސް: ކުޑަކުއްޖާގެ މައްސަލަ އަނބުރާ ގެންގޮސްފި
ރަސްމާލެ މަޝްރޫއާ 95 އިންސައްތަ މީހުން ދެކޮޅު: ޔާމީން
ރަސްމާލެ އެއްބަސްވުމުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސީޓީއެއް
މުއިއްޒަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ: ޔާމީން