ރައީސުލްޖުމްހޫރިއްޔާގެ ހުވާ ފައިސަލް ނަސީމް ކުރެއްވި މައްސަލައިގައި ރައީސްކަމުގައި ހުންނެވި ބޭފުޅަކާމެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިގަރާރު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އެވެ.

އެ ގާރާރުގައި ތޯރިގު އެދިވަޑައިގެންފައި ވަނީ މިހާރު އުފެދިފައިވާ ދުސްތޫރީ އޮޅުން ފިލުވައިދިނުމަށެވެ.

ތޯރިގުގެ ގަރާރުގައި ވިދާޅުވެފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވައި އެމަގާމާ ހަވާލުވެވަޑައިގެންފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަނބުރާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެ ވަޑައިގަތުމުން ދުސްތޫރީ އޮޅުން ބޮޅުމެއް އުފެދިފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ. އެ ގަރާރު މަޖިލީހަށް ބަލއިނުގަތުމަށް 40 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.

އެ މައްސަލަ މީގެ ކުރިން އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން ދެ ފަހަރެއްގެ މަތީން ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ. އެހެން ނަމަވެސް ދެފަހަރު ވެސް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބޭރު ކޮށްލައިފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމަފާ ވަނީ އެ މައްސަލައާމެދު ގާނޫނީ އަދި ޝަރުއީ ގޮތުން ބަހުސްކުރެވޭ ފަދަ ނުކުތާއެއް ހުށަހަޅާފައި ނުވާތީ ކުރީގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ނައިބު ރައީސް ފައިސަލަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތަކަށް ހަވާލުކުރެވުނީ ރައީސް ސޯލިހުގެ ބަލި ހާލަތު ހުރި ގޮތުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރަން ޖެހުނު ތައިރޮއިޑް އޮޕަރޭޝަނަކާ ގުޅިގެންނެވެ.

ހޭނައްތައިގެން ކުރަން ޖެހޭ އޮޕަރޭޝަނަކަށް ވާތީ، އެވަގުތުކޮޅުގައި މަގާމްގެ މަސްއޫލިއްޔަތު ނައިބު ރައީސްއާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކިގެން ސަރުކާރުން ނިންމި ނިންމުމެއްގެ ދަށުން ނައިބު ރައީސް ފައިސަލަށް ރައީސްކަމުގެ ހުވާ ލައިދީފައިވެ އެވެ.