އަރަބިއްޔާ ސްކޫލްގެ ބައެއް ދަރިވަރުން މޫނު ބުރުގާ އެޅުން މަނާކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން މިނިސްޓްރީއާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ސިވިލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން މިނިސްޓްރީއާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު އެވެ.
އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސިވިލް ކޯޓުން އަމުރެއް ނެރެދިނުމަށް އެދިފައިވަނީ، މި މައްސަލަ ބަލާ ނިމެންދެން އަރަބިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅައިގެން ސުކޫލަށް ދާ ކުދިންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ގޮސް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ގެއްލޭނެ އެއްވެސް އަމަލެއް ނުހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އަރަބިއްޔާ ސުކޫލްގެ އިސްވެރިންގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
އެހެން ނަމަވެސް އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ދައުވާ ހުށަހެޅި ފަރާތުން ދައުވާ ހުށަހެޅީ އަރަބިއްޔާއަށް މޫނު ބުރުގާ އަޅައިގެންދާ ކުދިންގެ ފަރާތުން ކަމަށް ބުނެފައިވީ ނަމަވެސް އެ ކުދިންނަކީ ކޮބައިކަމާއި, އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލުކުރަނީ ކޮން ގްރޭޑެއްގައިކަން ވަގުތީ އަމުރަށް އެދޭ ފޯމުގައި ބަޔާން ކޮށްފައި ނެތް ކަމަށެވެ.
މޫނު ބުރުގާ އަޅައިގެން އަރަބިއްޔާއަށް ދާ ކުދިން ސްކޫލު ޔުނީފޯމު ކޯޑާއި ހިލާފުވި ނަމަވެސް ތައުލީމު ހާސިލުކުރުމުގެ ހައްގުން މަހުރޫމު ކޮށްފައި ނުވާކަން ވަގުތީ އަމުރަށް އެދޭ ފަރާތުން ވެސް އަދި ދައުލަތުގެ ބަހުން ވެސް އެނގޭކަން ސިވިލް ކޯޓު ހުކުމުގައި ބުނެފައިވެ އެވެ.
މި މަރުހަލާގައި ވަގުތީ އަމުރަށް އެދޭ ފަރާތްތަކަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އޮތް ކަމަށް ބެލެވެން ނެތް ކަމަށް ސިވިލް ކޯޓުން ބުނެފައިވެ އެވެ.
އެ މައްސަލަ ބެލެނިވެރިންގެ ފަރާތުން ކޯޓަށް ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ ރެހެންދި ޗެމްބާސް ލޯފާމުންނެވެ.
ސިވިލް ކޯޓުން ނެރުނު އަމުރު މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.