ދުންފަތުގެ އިސްތިއުމާލު ކުރުމުން ހަށިގަނޑަށް އެކިކަހަލަ ގެއްލުންވާކަން އެންމެންނަށް އެނގެއެވެ. ހަކުރުބަލި ހުންނަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުން މާބޮޑެވެ.

އައު ދިރާސާ ތަކުން ދައްކާ ގޮތުގައި ހަކުރުބަލީގެ މީހުން، މި އަމަލު ހިންގުމުން، އުމުރު ކުރުވާ ކަމަށް ވެއެވެ. އާންމު ސިއްހަތެއްގައި އުޅޭ މީހުންނަށް ވުރެ ދުންފަތުގެ އިސްތިއުމާލްކުރާ ހަކުރު ބަލީގެ މީހުން އަވަހަށް މަރުވާ ކަމަށް މި ދިރާސާގައި ހޯދިފައިވެ އެވެ.

ނިއު ޔޯކުގެ ކްލިނިކަލް ޑައިބެޓީސް ސެންޓަ އެޓް މޮންޓިފިއޮރ މެޑިކަލް ސެންޓަރުގެ ޑިރެކްޓަރެއް ކަމުގައިވާ ޑރ. ޖޮއެލް ޒޮންސްޒެއިން ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެންމެނަށް ހުރި ގެއްލުމެއް ކަމަށެވެ. އެހެންނަމަވެސް މި އަމަލަކީ ވަކިން ޚާއްސަކޮށް ހަކުރުބަލީގެ މީހުންނަށް ގެއްލުން ބޮޑު އަމަލެއްކަމަށް އޭނާ ވިދާޅުވި އެވެ.

ހަކުރުބަލީގެ މީހުން، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ހަކުރުގެ މިންވަރުކޮންޓްރޯލު ކުރުމަށް އުނދަގޫވުން ވުމާއި އެ މިންވަރު ހުންނަންޖެހޭ މިންގަނޑުގައި ނުހިފެހެއްޓުމުގެ ސަބަބުން ލޯއަނދިރި ވުމާއި، ނާރުތަކުގެ ބާރު ދެރަވުމާއި، ކިޑްނީ ފެއިލް ވުމާއި ހިތުގެ މައްސަލަ ޖެހުން ހިމެނެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ ، ހަކުރުބަލީގެ މީހުންގެ ފުއްޕާ މޭގައި ޖަރާސީމު ހެދުމުގެ ފުރުސަތު ބޮޑެވެ. މިކަމުގެ ސަބަބުން ރޯގާ ޖެހުމާއި ކެއްސުން ފަދަ ބަލިތަކުން ފަސޭހަ ނުވެ ގިނަ ދުވަހަށް ދެމިގެންދެ އެވެ. މިފަދަ ގޮތަކަށް ބަލިވުމުގެ ނަތީޖާ އަކަށް ވަނީ، ހަކުރުގެ މިންވަރު ހަށިގަނޑުގައި އިތުރު ވުމެވެ.

ކަން މިހެން ހުރުމާ އެކު ހަކުރު ބަލި ޖެހިފައިވާ މީހުން، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ބަދަލުގައި، ގަވާއިދުން ކަސްރަތު ކުރުމާއި، ހަށިގަނޑަށް ފާއިދާ ހުރި ކާނާ ކެއުމުގެ އިތުރަށް ކޮންމެ ދުވަހަކު ހަކުރު ލެވެލް ހުރި މިންވަރު ޗެކް ކުރުމަކީ އެދެވިގެންވާ ކަމެކެވެ.