ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިންނަކީ ވެސް އެ މީހުންނާ އެފަދައިން މީޑިއާގެ ސަމާލުކަން އަބަދުވެސް ލިބެމުންދާ ބައެކެވެ. އެގޮތުން ބައެއް ބޮލީވުޑްގެ ބައެއް ތަރިންގެ ދަރިން ވަނީ ބޮލީވުޑްގައި ވެސް މަސައްކަތް ކުރަން ފަށައިފަ އެވެ.

މި ރިޕޯޓްގައި މިބަލައިލަނީ އެންމެ މުއްސަނދި ބޮލީވުޑް ތަރިންގެ ދަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ކުދިންނަށެވެ.

އެގޮތުން މީޑިއާގައި އެންމެ ބޮޑަށް ދެކެވޭ އެކަކަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރިޔަން ޚާންގެ ވާހަކަ އެވެ. އާރިޔަން މިހާރު އަންނަނީ ވެބް ސީރީޒެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ވަރަށް ފަހުން ވަނީ އޭނާގެ ބައްޕަ ޝާހްރުކް އާއެކު އިސްތިހާރެއްގެ މަސައްކަތް ވެސް ކޮށްފަ އެވެ. މީގެ އިތުރުން އާރިޔަން ވަނީ އަމިއްލަ ވިޔަފާރިއެއް ވެސް ފަށައިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާރިޔަންގެ މިލިކިއްޔާތުގައި ހުރި މުދަލުގެ އަގަކީ 90 ކްރޯޑް ރުޕީސް އެވެ.

ޝާހްރުކް ޚާން އާއި އޭނާގެ އާއިލާ

އާރިޔަންގެ އިތުރުން ޝާހްރުކްގެ އަންހެން ދަރިފުޅު ސުހާނާ އަކީ ވެސް މީޑިއާގެ ސަމާލުކަން ލިބެމުން އަންނަ ކުއްޖެކެވެ. ސުހާނާ މިހާރު އަންނަނީ ބޮލީވުޑްގެ ފުރަތަމަ ފިލްމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސުހާނާ ބޮލީވުޑަށް ނުކުންނާނީ ޒޯޔާ އަކްތަރު ޑައިރެކްޓްކުރާ ފިލްމު "ދަ އާޗީސް" ގަ އެވެ.

ފިލްމީ ދާއިރާ އަށް ނުކުތުމުގެ ކުރިން ސުހާނާ އަށް ވަނީ ބައްޕަ ޝާހުގެ ފަރާތުން ވަރަށް ބޮޑަށް މަގުބޫލުކަން ލިބިފަ އެވެ. އިންސްޓަގްރާމުގައި 2.9 މިލިއަން މީހުން އޭނާ މިހާރު ވެސް ފޮލޯކުރެ އެވެ. ސުހާނާގެ މިލިކިއްޔާތުގައި ހުރީ 30 އާއި 40 ކްރޯޑާ ދެމެދުގެ އަދަދެކެވެ.

މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭއަކީ މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާއެކެވެ.

އަނަންޔާ ބޮލީވުޑަށް ތައާރަފުވީ 2020 އަހަރު ކަރަންގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަނަންޔާގެ މިލިކިއްޔާތުގައި 35 ކްރޯޑް ރުޕީސް އެބަހުއްޓެވެ.

އޭނާ އެންމެ ފަހުން ފެނުނީ ދެކުނު ފިލްމުތަކުން މަޝްހޫރު ތަރި، ވިޖޭ ދެވެރަކޮންޑާއެކު ފިލްމު "ލައިގާ" އެވެ.

ދެން ފާހަގަކޮށްލެވޭ ތަރިގެ ދަރިޔަކީ އަހާން ޕާންޑޭ އެވެ. އަހާން އަކީ އަނަންޔާގެ ތިމާގެ ކުއްޖެކެވެ. ޗަންކީ ޕާންޑޭއަށް ބޮޑު ބޭބެ ކިޔާ ކުއްޖެކެވެ. އޭނާގެ މިލިކިއްޔާތުގައި ފަސް މިލިއަން ޑޮލަރު އެބަހުއްޓެވެ. އޭނާ ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ތައާރަފުވެގެންދާނެ އެވެ.

އަހާން އަކީ އަނަންޔާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭގެ ކޮއްކޮ ޗިއްކީ ޕާންޑޭގެ ދަރިއެކެވެ. ޗިއްކީ އާއި ޑިއާން ޕާންޑޭގެ ދެން ހުންނަނީ އަލާނާ ޕާންޑޭ ކިޔާ އަންހެން ކުއްޖެކެވެ.

އަހާން (ކ) އަނަންޔާގެ އާއިލާއާ އެކު.

ފިލްމް ދަޅަކް އިން ބޮލީވުޑްގެ ޙަޔާތް ފެށި ޝްރީ ދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރުއަކީ ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ބަތަލާއެކެވެ. ޖާންވީ ވަނީ ބޮލީވުޑްގައި ދަޅަކް ގެ އިތުރުން "ގުންޖަން ސަޒޭނާ"، "ރޫޙީ"، "ބޮމްބޭ ގާލް"، "ގޯސްޓް ސްޓޯރީސް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފަ އެވެ. އޭނާގެ މިލިކިއްޔާތުގައި 82 ކްރޯޑް ރުޕީސް އެބަހުއްޓެވެ. ޖާންވީ އަކީ ހުރިހާ ފިލްމީ ތަރިންގެ ކުދިންގެ ތެރެއިން ބޮލީވުޑްގައި އެންމެ ކަމުދާ ބަތަލާ އެވެ.

ޖާންވީ އާއި ހުސީ އަދި އަރުޖުން

ޖާންވީ އެކޭ އެއްގޮތަށް އޭނާގެ ކޮއްކޮ ހުސީ ކަޕޫރު ވެސް އަންނަނީ ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އޭނާ ބޮލީވުޑަށް ނުކުންނާނީ ޒޯޔާ އަކްތަރު ޑައިރެކްޓްކުރާ ފިލްމު "ދަ އާޗީސް" ގަ އެވެ. ހުސީގެ މިލިކިއްޔާތުގައި 70 އާއި 75 ކްރޯޑް ރުޕީސް އެބަހުއްޓެވެ.

މީގެ އިތުރުން ވެސް ފިލްމީ ތަރިންގެ ދަރިން ވެސް އަންނަނީ މުއްސަނދި ދިރިއުޅުމެއް އުޅެމުންނެވެ.