މާލޭ ވިޔަފާރި ބަނދަރުގައި ރޭ ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރެނިކޮށް ވެއްޓި ޒަޚަމްވި ދެ މީހުންގެ ތެރެއިން އެކަކު ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އެ ހާދިސާގައި ޒަޚަމްވި ދެވަނަ މީހާއަށް އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. އެ މީހާއަށް ފަރުވާ ދެނީ ބުރަކަށީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވާތީ ކަމަށްވެ އެވެ.

އެ ބަނދަރު ހިންގާ އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ވަނީ އެ ހާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓެއިނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ މަޖޫރިއަކު ޕެލެޓްގެ އަރިމަތީގައި ތާށިވެފައިވީ ކަމަށް އެކުންފުނިން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވި ދެ މީހުންގެ ހާލު އެ ކުންފުނިން ވަރަށް ގާތުން ބަލަމުންދާ ވާހަކަ ކަމަށާއި އެ ހާދިސާ ތަހުގީގްކޮށް، މި ފަދަ ކަމެއް ތަކުރާރުވެނުދިއުމަށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.

މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ކުންފުނިން ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށެވެ. މަދުން ނަމަވެސް، އެފަދަ ހާދިސާތައް ހިނގުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.