ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ބަހުސް ކުރެއްވުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ ވަކިކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމި ނިންމުމާއެކު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފަ އެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ 50 މެމްބަރުންގެ ސޮޔާއެކު އެވެ. މަޖިލީހުގެ ގަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަގާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.

އީވާގެ މައްސަލަ މިހާތަނަށް ވެސް އެޖެންޑާ ނުކުރެވި ވަނީ، މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި، އާންމު ކޮމެޓީން ކަނޑައަޅަންޖެހޭ ވަގުތު ކަނޑައެޅިފައި ނެތުމުންނެވެ.

މާދަމާގެ ޖަލްސާއަށް އީވާގެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން އީވާއަށް ދިން ނޯޓިސް މިއަދަށް ހަމަވުމާ ގުޅިގެންނެވެ.

ގަވާއިދު ބުނާގޮތުން މާދަމާގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާ ކުރަންޖެހެ އެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ހަމައެކަނި މަސައްކަތަކީ ވެސް މި މަސައްކަތެވެ. މި މައްސަލައިގެ ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައި ވީނަމަވެސް އާންމު ކޮމެޓީން އަދި މިހާތަނަށް މިމައްސަލާގައި ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅާފައެއް ނުވެ އެވެ.

މަޖިލީހުގެ އަމީން އާންމު ވަނީ މިމައްސަލާގައި މަޖިލީހުގެ ނައިބު ރައީސް އީވާއަށް ދިން 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވެފައި ވާތީ، އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރެވޭނެ ކަމަށް މަޖިލީހުގެ މެމްބަރުންނަށް ފޮނުވި ސިޓީގައި ދަންނަވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީގައި އާންމު ކޮމެޓީ ބާއްވައި ވަގުތު ކަނޑައެޅުމަށް ދަންނަވާފަ އެވެ. ނަމަވެސް އެ މަސައްކަތް އަދި ކުރެވިފައެއް ނުވެ އެވެ.