ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އެއްފަހަރާ ގެންދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް މަޖިލީހުގެ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި

އިދިކޮޅު މެންބަރުންނާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންގޮސްގެން ކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އެގޮތް ގަބޫލުކުރައްވާ ކަމުގައި އަލީ ހުސައިން ވިދާޅުވި އެވެ. އަދި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ގެ އިތުބާރު ނެތް މައްސަލަ އެއް ފަހަރާ ކުރިއަށް ގެންދެވޭނެ މަގެއް ގާނޫނުއަސާސީ އަދި މަޖިލީހުގެ ގަވާއިދުގައިވެސް ބަޔާންކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ. ގަވައިދު ބުނާގޮތުން ރައީސްގެ އިތުބާރު ނެތް މައްސަލައިގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް އެވެ. އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ރައީސް އެވެ.

އީވާގެ މައްސަލަ އެޖެންޑާ ނުކުރުމުން މިއަދުވެސް މަޖިލިސް ކުރިއަށް ނުގެންދެވި ވަނީ ނިންމާލާފަ އެވެ. ނަމަވެސް އެމައްސަލަ މިހާރު މާދަމާއަށްވަނީ އެޖެންޑާ ކޮށްފަ އެވެ.

ނަމަވެސް އެ ދެ ބޭފުޅުންގެ ވެސް އިތުބާރުނެތްކަމުގެ މައްސަލަ ވައްދާފައި އޮތުމުން ދެބޭފުޅުންވެސް ވަނީ މަޖިލީހުގެ ރިޔާސަތާ ހަވާލުވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.