ރައީސް ޔާމީނަށް އަނިޔާކުރުން ހުއްޓާލުމަށް ގޮވާލާ އިދިކޮޅުން މިއަދު ރައީސް އޮފީހަށް ހިނގައްޖެ އެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕާއި އާންމު މެމްބަރުން މިއަދު މެންދުރު ރައީސް އޮފީސް ސަރަހައްދަށް ދިއުމުން ސިފައިންނާއި ފުލުހުންވަނީ އެމީހުން ފަހަތަށް ޖައްސާ އެ ސަރަހައްދުގައި ބެރިކޭޑް ޖަހާ ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދަށް ވަނުމަށް ހުރަސް އަޅާފަ އެވެ.

ރައީސް އޮފީހަށް ވަޑައިގަތުމަށްފަހު ލީޑަރޝިޕުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ރައީސް އޮފީހަށް ދިއުމުން އެންގީ އީމެއިލް މެދުވެރިކޮށް ރިކުއެސްޓް ކުރުމަށް ކަމުގަ އެވެ.

"އަޅުގަނޑުމެން ދިޔައީ ރައީސް ޔާމީނަށް މިސަރުކާރުން އަނިޔާ ކުރަމުންދާތީ، ދެން އަންގަނީ ކަރުދާސްކޮޅެއް ދީފައި، އީމެއިލް މެދުވެރިކޮށް ރިކުއެސްޓްކުރަން. މިއީ ރައްޔިތުންނަށް ކަމެއް ކޮށްދޭން މިތަނަށް ވަދެތިބި ބައެއް ނޫން." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ފެންނަމުންދަނީ ޑިކްޓޭޓަރެއްގެ ސިފަތައް ކަމަށާއި ލީޑަރޝިޕުން ރައީސް އޮފީހަށް ދިއުމުން މުޅި ސަރަހައްދަށް ސިފައިންނާ ފުލުހުން އަޅާލާފަޖއިވާ ކަމަށެވެ.

ރައީސް ޔާމީނަށް ސަރުކާރުން އަނިޔާކުރާކަމަށް ވިދާޅުވެ އިދިކޮޅު އިއްތިހާދުގެ ލީޑަރުން ރައީސް އޮފީހަށް ދިޔައީ އިއްޔެ އޮތް ރ.ފުއްގިރި މައްސަލައިގެ އަޑުއެހުން 13 ގަޑިއިރަށް ދިގުދަންމައިލުމާ ގުޅިގެންނެވެ. އިއްޔެ ހެނދުނު 9:00 ގައި ފެށި އަޑުއެހުން ނިންމާލާފައިވަނީ ރޭ 22:00 ހާއިރުއެވެ. އެ އަޑުއެހުމުގައި އޮތީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ.