ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނޯޓިސް ފޮނުވައިފި އެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި 14 ދުވަހުގެ ނޯޓިސް އެމަނިކުފާނަށާއި މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ އިދާރާ އިން ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ އިދާރާއަށް ހުށަހެޅުމުން އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެމްބަރުންނަށް ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ފޮނުވަން ޖެހެ އެވެ.

ރައީސް ނަޝީދު މަގާމުން ވަކިކުރަން 54 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅީ މިމަހުގެ ހަތްވަނަ ދުވަހު އެެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅިފައިވާތީ އެމަނިކުފާނު މިހާރު ހުންނެވީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުން ތަނާޒުލް ވެގެންނެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަންވެސް އުޒުރުވެރިވެ ވަޑައިގެންނެވެ. މިކަމުގެ ސަބަބުން މަޖިލިސްވަނީ ހުއްޓުމަކަށް އައިސްފަ އެވެ.