ހަކުރު ބައްޔަކީ ދިވެހި މި މުޖުތަމައުގައި ވެސް އެންމެ އާއްމު އެއް ބަލިކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އާބާދީގެ ބޮޑުބައެއް މި ބައްޔަށް ފަރުވާ ކުރާއިރު މި ބައްޔާ ބެހޭގޮތުން ރަނގަޅު މައުލޫމާތު އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ.

އެގޮތުން ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރަން ދުޅަހެޔޮ ކާނާ ކާން ޖެހޭއިރު މި ބަލީގައި ދުރުވާން ޖެހޭ ބައެއް ކެއުންތައް ވެސް ހުރެ އެވެ. އެފަދަ ބައެއް ކެއުންތަކަށް ބަލާލާނަމެވެ.

ހިއްކި މޭވާ

މޭވާއަކީ ގުދުރަތީގޮތުން ހަކުރު އެކުލެވޭ އެއްޗެކެވެ. އެހެން ނަމަވެސް މޭވާ ހިއްކުމުން ނުވަތަ "ޑްރައި" ކުރުމުން އޭގައި އެކުލެވޭ ހަކުރުގެ މިންވަރު ދެގުނަ އިތުރުވެ އެވެ. އެހެން ކަމުން މޭވާ އެއް ކާންބޭނުން ނަމަ ތާޒާ މޭވާއެއް ކެއުން ރަނގަޅެވެ.

ފްލޭވާޑް ޔޯގަޓް

އެކި މޭވާތަކުގެ ރަހަ އެކުލަވައިގެން އުފައްދާ ފްލޭވާޑް ޔޯގަޓުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވިގެންވެ އެވެ. މީގެ ބަދަލުގައި ޕްލެއިން ޔޯގަޓް ނޫނީ ޝުގަފްރީ ގްރީކް ޔޯގަޓް ބޭނުން ކޮށްލުން ރަނގަޅުވާނެ އެވެ.

އެއްގަމު މަސް

ރެޑް މީޓްގެ ގޮތުގައި ބެލެވޭ ބީފް ފަދަ އެއްގަމުމަސް ކެއުމުގައި ބޭނުން ކުރުމަކީ ހަކުރު ބަލީގެ ބަލިމީހުން ކޮށްގެންވާނެ ކަމެއް ނޫނެވެ. މިފަދަ މަހުން ހިތުގެ ބަލިތަކަށް މަގުފަހިވާއިރު ލޭގައި ހަކުރުގެ މިންވަރު ވެސް އިތުރުކޮށްދެ އެވެ.

ޕެކެޓު ކާނާ

ޕެކެޓާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ލުއިކާނާއަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެ. އެހެން ނަމަވެސް ހަކުރު ބަލި ހުންނަ މީހުންނަށް މިއީ ގެއްލުންހުރި އެއްޗެކެވެ.