ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވެސް ކެންސަރު ބައްޔަން ދޭ ހާއްސަ ފަރުވާއެއް ކަމަށްވާ ކީމޯ ތެރަޕީ ހިދުމަތް ފަށައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ކީމޯ ތެރަޕީގެ ހިދުމަތް އެ ހޮސްޕިޓަލްގައި ފަށާފައި ވަނީ މިދިޔަ ހޯމަދުވަހު ކަމަށެވެ.

ހޮސްޕިޓަލުން ބުނީ ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެ ހޮސްޕިޓަލުގައި ކީމޯ ތެރަޕީ ފެށުމުން، އުތުރުގެ ތިން އަތޮޅުގައި އެ ފަރުވާ ހޯދުމަށް އާއިލާތަކުން ކުރާ ހޭދަ އާއި ވަގުތާއި އުފުލާ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

ކީމޯ ތެރަޕީ ހިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފެށުން.. ފޮޓޯ: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ހިދުމަތަށް އެދުމަތުގެ ފުރުސަތު ހުޅުވާލުމާއެކު އެ ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް ޕޭޝަންޓުން ރެޖިސްޓްރީކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ޕޭޝަންޓަށް މިދިޔަ ހޯމަ ދުވަހު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ކީމޯ ތެރަޕީގެ ހިދުމަތް ދީފައިވާ ކަމަށެވެ.

ހޮސްޕިޓަލްގައި އެއްފަހަރާ ދެ ޕޭޝަންޓުންނަށް ކީމޯގެ ހިދުމަތް ދެވޭނެ ކެޕޭސިޓީ ވަނީ ގާއިމުކޮށްފަ އެވެ.

ކުޅުދުއްފުށީ ރީޒަނަލް ހޮސްޕިޓަލުގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ޅ. އަތޮޅު ހޮސްޕިޓަލުން ވެސް ކީމޯގެ ހިދުމަތް ލިބިގެންދާނެ އެވެ.