އާމަންޑް ފަދަ ގަހުގެ މަދުތައް ކެއުމަކީ ޓައިޕް 2 ޑައިބެޓީސް ހުންނަ ފަރާތްތަކަށް ހިތުގެ ބަލި ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށް ހާވާޑް ޔުނިވާސިޓީއިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި ހަކުރުބަލި ހުންނަ ފަރާތްތަކުގެ ތެރެއިން، ހަފްތާއަކު މަދުވެގެން ފަސް ސާވިންގްގެ މަދު ކެއުމަކީ ހަފްތާއަކު އެއް ސާވިންގްގެ މަދު ކެއި މީހުންނަށްވުރެ ކާޑިއޯވެސްކިއުލާ ޑިޒީސް ޖެހުމުގެ ފުރުސަތު 17 ޕަސެންޓް ކުޑަކޮށްދޭ ކަމެކެވެ.

ހަމަ އެހެންމެ ކޮރޯނަރީ ހާޓް ޑިޒީސް ޖެހުމުގެ ފުރުސަތު 20 ޕަސެންޓް ކުޑަވާއިރު، ކާޑިއޯވެސްކިއުލާ ޑިޒީސްގެ ސަބަބުން މަރުވުމުގެ ނުރައްކާ 34 ޕަސެންޓް ކުޑަވެގެންދެ އެވެ. އަދި ޖުމްލަކޮށް ހުރިހާ ބަލިތަކުގެ ސަބަބުން މަރުވުމުގެ ނުރައްކާ 31 ޕަސެންޓަށް ކުޑަވެގެންދާ ކަމަށްވެސް ދިރާސާއިން ވަނީ ދައްކައިފަ އެވެ.

.ހާވާޑް ޔުނިވާސިޓީގެ ދިރާސާވެރިން ބުނި ގޮތުގައި ހަކުރުބަލި ޖެހުމުން މަދު ކެއުމުގެ އާދަތައް ބަދަލުނުކުރާ މީހުންނާއި އަޅާބަލާއިރު، ގިނައިން މަދު ކާން ފެށި މީހުންނަށް ކާޑިއޯވެސްކިއުލާ ޑިޒީސް ޖެހުމުގެ ނުރައްކާ 11 ޕަސެންޓް ކުޑަވީއިރު، ކޮރޯނަރީ ހާޓް ޑިޒީސް ޖެހުމުގެ ފުރުސަތު 15 ޕަސެންޓް އަދި ކާޑިއޯވެސްކިއުލާ ޑިޒީސްގެ ސަބަބުން މަރުވުމުގެ ނުރައްކާ 25 ޕަސެންޓް ކުޑަވެގެންދެ އެވެ. އަދި ޖުމްލަކޮށް ހުރިހާ ބަލިތަކުގެ ސަބަބުން މަރުވުމުގެ ނުރައްކާ 27 ޕަސެންޓް ކުޑަވެގެންދާ ކަމަށްވެސް ދިރާސާއިން ވަނީ ދައްކައިފަ އެވެ.

މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުންވެސް ހިތުގެ ސިއްޙަތު ރަނގަޅުކުރުމުގައި މަދަކީ މުހިންމު ރޯލެއް އަދާކުރާ އެއްޗެއް ކަމަށާއި، ހަކުރުބަލި ހުރުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެއް ކަމަށް ދައްކާފައިވެ އެވެ.