ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ވާދަކޮށްލެވޭނެ ޕާޓީއަކީ ޕީޕީއެމް ކަމަށާއި އިތުރު ޕާޓީއަކަށް ތާއީދު އޮތް މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ކެމްޕޭނަށް މިހާރު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ވެރިކަންކުރާ ރަށް ފުނަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގަ އެވެ.
އިދިކޮޅު ޕީޕީއެމްއަށް ބޮޑު ތާއީދެއް އޮންނަ ފުނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުން ރިޔާސީ އިންތިހާބުގައި ރަނގަޅު ވާދައެއް ކުރާނީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށެވެ. އެހެން ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ވާދަކުރިނަމަވެސް އެޕާޓީތަކަށް މާބޮޑު ތާއީދެއް އޮތް މަންޒަރު ފެނިގެންނުދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން ހަމަ ވާދަ ކުރާނީ އެމްޑީޕީއާ ޕީޕީއެމް. އެ ނޫން ބަޔަކަށެއް އެ ބުނާވަރުގެ ތާއީދެއް އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މިޖަލްސާގައި ރައީސް ސޯލިހު ވަނީ ކުރީގެ ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ 2018ގެ ކުރީގެ ހާލަތަށް ދާނީތޯ ނުވަތަ ތަރައްގީގެ މަޝްރޫއުތަކާއެކު ކުރިއަށްދާނީތޯ ވިސްނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ސެޕްޓެންބަރު ނުވަވަނަ ދުވަހު ނަގާ ވޯޓަކީ ރާއްޖޭގެ މުސްތަގުބަލާ ވަރަށް ބޮޑަށް ގުޅިފައިވާ ވޯޓެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތަޖުރިބާކޮށްފިން ފަސް އަހަރެއް. އެ ފަސް އަހަރު ރައްޔިތުންނާ ކުރިމަތިވި ދަތި އުނދަގުލާއި ތަހައްމަލު ކުރަންޖެހުނު ހާލަތު އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ފުނަދޫއަށް ގިނަ ވައުދުތަކެއް ރައީސް ސޯލިހު ވަނީ ވެވަޑައިގެންފަ އެވެ. އަދި ފުނަދޫ އާއި އެ ފަޅެއްގައި އޮންނަ ފަރުކޮޅުގައި އެރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތެއް ހައްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.