2001 ވަނަ އަހަރު ނުކުތް ބޮލީވުޑް ފިލްމް "ގަދަރް: އެކް ޕްރޭމް ކަތާ"އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މާލީ ގޮތުން ބޮޑު ކާމިޔާބެއް ލިބުނު ފިލްމެކެވެ.

އެ ފިލްމާއެކު އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔަ އަމީޝާ ޕަޓޭލްއަށް އާއްމުންނާއި ބޮލީވުޑްގެ އެކި ފަރާތްތަކުގެ ތައުރީފް ވެސް ލިބުނެވެ. އޭގެ ތެރެއިން އެކަކަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އެވެ.

ގަދަރްގައި އަމީޝާގެ އެކްޓިންއަށް ތައުރީފް ކުރަމުން ސަންޖޭ ބުނެފައިވަނީ އެ ފިލްމަށްފަހު އަމީޝާ ހިންދީ ފިލްމުތައް ކުޅުން ދޫކޮށްލުން ރަނގަޅު ކަމަށެވެ.

އެއީ ކީއްވެގެންތޯ އޭނާ ސުވާލު ކުރުމުން ސަންޖޭ ބުނީ ބޮލީވުޑްގައި އެތައް އަހަރެއް މަސައްކަތް ކޮށްގެން ތަރިން ހޯދާ ކާމިޔާބީ އަމީޝާއަށް އެންމެ ދެ ފިލްމު ކުޅެގެން ލިބިފައިވާތީ ކަަމަށެވެ.

2000 ވަނަ އަހަރު ރިތިކް ރޯޝަންއާއެކު އަމީޝާ ފެނިގެންދިޔަ އޭނާގެ ފުރަތަމަ ފިލްމު "ކަހޯނާ ޕްޔާރުހޭ" ވެސް ވެގެން ދިޔައީ އެތައް ރެކޯޑުތަކެއް މުގުރާލި ފިލްމަކަށެވެ.

މިހާރު އަމީޝާ އަންނަނީ ގަދަރްގެ ސީކުއަލް "ގަދަރް 2"ގެ ކާމިޔާބީ ފާހަގަ ކުރަމުންނެވެ. އަސްލު ފިލްމުން ވެސް ފެނިގެން ދިޔަ ތަރިން ފެނިގެންދާ އެ ފިލްމަށް 12 ދުވަހުން 400 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.