ރިސޯޓުތަކުގެ ވަކި ވަކި ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ ގޮތަށް އާ ގަވައިދެއް ހަދައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު އެ ގަވައިދުގައިވާ ގޮތުން ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކުގައި އެއް ވިލާ އަށް ވުރެ ގިނައިން ވެސް ކުއްޔަށް ދިނުމުގެ ފުރުސަތު އޮންނާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި ގަވައިދު އެކުލަވައިލީ މެދު ފަންތީގެ ރިސޯޓުތަކުގެ އޯނަރުންނަށް މިހާރަށް ވުރެ ފަސޭހަކުރުމަށް ކަމަށެވެ.

މި އުސޫލުގައިވާ ގޮތުން މުޅި ރިސޯޓުގެ ހުރިހާ ވިލާއެއް ނުނިމެނީސް ވެސް ނިމިފައި ހުރި ތަންތަން ކުއްޔަށް ދެވޭނެ އެވެ.

"މިއީ ރެޒިޑެންޝަލް ޓޫރިޒަމަށް ފޯކަސް ކޮށްގެން ކުރާ ކަމެއް. ބޭރު މީހުންގެ އިތުރުން ދިވެހީންނަށް ވެސް ރިސޯޓެއްގެ ކޮޓަރި ދިގު މުއްދަތަށް ނެގުމުގެ ފުރުސަތު ލިބޭނެ،" މައުސޫމް ވިދާޅުވި އެވެ.

އެ އުސޫލުގައިވާ ގޮތުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ތަނެއް ރަޖިސްޓަރީ ކުރުމުގެ ފީއެއްގެ ގޮތުގައި އެ ތަން ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތުން 5،000ރ. ގެ ފީއެއް މީރާއަށް ދައްކަން ޖެހޭނެ އެވެ.

ވިލާ ކުއްޔަށް ނަގާ ފަރާތްތަކަށް އެ ވިލާއެއް ނިސްބަތްވާ ރިސޯޓަށް ބޭނުން އިރަކު އަރާ ފޭބުމުގެ ހުއްދަ އޮންނާނެ އެވެ. އެހެން ނަމަވެސް، މިގޮތަށް ކުއްޔަށް ނަގާ ފަރާތްތަކަށް އެތަން ސަބްލީޒް ކުރުމުގެ ބާރެއް ނޯންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ އުސޫލާ ހިލާފަށް ކޮޓަރިތައް ކުއްޔަށްދޭ ނަމަ ފުރަތަމަ ފަހަރު 25،000ރ. އިން އަދި ދެވަނަ ފަހަރު 50،000ރ. އިން، ދެ ފަހަރަށް ވުރެ ގިނައިން ނަމަ، އެއް ލައްކަ ރުފިޔާ އިން ކުއްޔަށް ދޭ ފަރާތް ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ.