މަތީ ތައުލީމު ހާސިލު ކުރަމުން ދިޔަ ދަރިވަރެއްގެ ގޮތުގައި އިންޑިއާގެ މަޝްހޫރު އެކްޓަރު މޯނީ ރޯއީއަށް 2000ގެ އަހަރުތަކުގައި ސްޓާ ޕްލަސްއިން ދެއްކި ކާމިޔާބު ޑްރާމާ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"އިން ފުރުސަތު ލިބުނު ގޮތް ހިއްސާ ކޮށްފި އެވެ.
ފަރާ ހާންގެ ވްލޮގްގައި ވާހަކަ ދައްކަމުން މޯނީ ބުނީ، އޭނާ އަކީ ކުރިން ތައުލީމީ ދާއިރާގައި ވަރަށް ބޮޑަށް ހަރަކާތްތެރިވި ކުއްޖެއް ކަމަށެވެ. އޭނާ ވަނީ ދިއްލީގެ މިރާންޑާ ހައުސްއިން އިނގިރޭސި ލިޓަރޭޗާ އިން އޮނާސް ހާސިލްކޮށް، ޖާމިއާ މިލިއްޔާ އިސްލާމިއާ އިން މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން މާސްޓާސް ވެސް ފުރިހަމަ ކޮށްފަ އެވެ.
އެކްޓިން ކެރިއަރ ފެށުނު ގޮތާ ބެހޭގޮތުން ފަރާ ސުވާލު ކުރުމުން މޯނީ ބުނީ ޔުނިވާސީޓީގެ ބޭރު މަގުމަތިން ހިނގާފައި ދަނިކޮށް، މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ޓީމުގެ މީހަކަށް އޭނާ ފެނިގެން ގޮސް ކޮނޑުގައި ޖެހުމަށްފަހު އެކްޓްކުރަން ބޭނުންވޭތޯ އަހައި ސުވާލުކުރީ ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފީ ކަމަށެވެ.
އެފަދަ ފުރުސަތުތަކަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ފުރުސަތެއް ނޫން ކަމަށާއި އެއީ ވަރަށް ފިލްމީ ކަމެއް ކަމަށް ފަރާ ބުނުމުން މޯނީ ވެސް ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
"ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"ގައި މޯނީ ކުޅެފައިވަނީ ސިމްރިތީ އިރާނީގެ ކެރެކްޓަރު ތުލްސީގެ މުނި މާމަ ދަރިއެއްގެ ރޯލެވެ.
މޯނީ އިތުރަށް ބުނީ، އޭނާ މުމްބާއިއަށް އައީ އެކްޓިން ދާއިރާއިން ދިގު މުއްދަތެއްގެ ކެރިއަރެއް ބިނާކުރުމުގެ ވިސްނުމުގައި ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ސިޓީއަށް އޭނާގެ ހިތުގައި ލޯބިޖެހި ވިސްނުން ބަދަލުވީ ކަމަށް މޯނީ ބުންޏެވެ.
ފަހުން ޓީވީ ޑްރާމާ "ނާގިން" ފަދަ ކާމިޔާބު ސިލްސިލާތަކުން މުނީއަށް ބޮޑު މަޝްހޫރުކަމެއް ލިބި، މިއަދު އޭނާ ވަނީ އިންޑިއާގެ ޓީވީ އަދި ފިލްމީ ދާއިރާގައި ވަރަށް ފާހަގަ ކޮށްލެވޭ ކާމިޔާބު ތަރިއަކަށް ވެފަ އެވެ.
ކައިވެނި ކުރިތާ 5 މަސް ފަހުން ބާދްޝާހްއާއި އަންހެނުން ވަރިވެއްޖެ
އާ "ވޮންޑަ ވުމަން"އަށް ގާލް ގެޑޮޓްގެ ހެޔޮ އެދުންތައް ފޮނުވައިފި