ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މަގާމަށްޓަކައި ޕާޓީތައް ބަދަލުކުރަމުން ދިޔަ ގޮތް އޮތީ ކައިރި މާޒީގައި އާއްމުންނަށް ފެންނާށެވެ. އެހެން ނަމަވެސް އެއިން ކޮންމެ ބަދަލެއްގެ ފަހަތުގައިވާ ހަގީގަތް އެންމެ ތަފްސީލުކޮށް ސާފުކޮށްދެއްވާފައި ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އެވެ.
މާލޭގައި އެމްޑީޕީ ކޯލިޝަނުން ބޭއްވި ބޮޑު ޖަލްސާގައި އިމްރާން ވިދާޅުވީ މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހާލީގައި އޮވެ ކަމަށެވެ. އަދި އިމްރާން ވިދާޅުވީ ހައުސިން މިނިސްޓަރުކަމުގެ މަގާމު މުއިއްޒު އެންމެ ފުރަތަމަ ހޯއްދެވީ އޭނާގެ އަރިހުގައި ރޮއި އާދޭސް ކޮށްގެން ކަަމަށެވެ. އޭގެ ފަހުން އެމްޑީއޭ އަށް ބަދަލުވީ ވެސް މަގާމަށްޓަކައި ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރު 2012 ވަނަ އަހަރު ވެއްޓުނު އިރު މުއިއްޒު ހުންނެވީ އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ. އޭރު އެއީ އާއްމުން ދަންނަ މޫނެއް ނޫނެވެ. ނަމަވެސް 2012 ގައި ވެރިކަން ބަދަލުވެ މަގާމުތައް ބަހަން ޖެހުމުން، ކުޑަ ކުއްޖަކު މަންމަ ކައިރީގައި ރޮއި އާދޭސްކުރާ ގޮތަށް މުއިއްޒު ދިޔައީ ވަޒީފާ ހަމަޖައްސައިދޭން ރޮއި އާދޭސް ކުރަމުން ކަމަށް އިމްރާން ވިދާޅުވި އެވެ.
"އެދުވަސްވަރު ޕާޓީން ކުރަމުން ދިޔަ ހުރިހާ ކަމަކަށް މުއިއްޒު ގެންދެވީ ދެކޮޅު ހަދަމުން. އެހެން ނަމަވެސް 2012 ގައި ވެރިކަން ބަދަލުވެ މަގާމުތައް ބަހަން ޖެހުމުން، ކުޑަ ކުއްޖަކު މަންމަ ކައިރީގައި ރޮއި އާދޭސްކުރާ ގޮތަށް މުއިއްޒު ދިޔައީ އަޅުގަނޑު ކައިރީގައި ވަޒީފާ ހަމަޖައްސައިދޭން ރޮއި އާދޭސް ކުރަމުން. މުއިއްޒަށް ވަޒީފާ ދިނީ މަންމަގެ ލަގޮނޑިއަށް ކެތްނުވާ ފަދައިން އަޅުގަނޑުގެ ލަގޮނޑި އަށް ކެތް ނުކުރެވިގެން،" ރައީސް ނަޝީދުގެ ސަރުކާރު ފެބްރުއަރީ 2012 ގައި ވެއްޓި ދެން ގާއިމްކުރީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ސަރުކާރުގެ ހައުސިން މިިނިސްޓަރު ކަމަށް މުއިއްޒު އައްޔަން ކުރެއްވި ގޮތް އިމްރާން ބަޔާން ކޮށްދެއްވި އެވެ.
އިމްރާން ވިދާޅުވީ 2013 ގެ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީ ދިނީ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އަށް ކަމަށެވެ.
"ސިޔާމް ކައިރީ ގޮނޑި އަޅައިގެން، ދޮރު ދޮށުން ނުތެދުވެ އާދޭސްކުރީ މަގާމު ދޭތޯ. ސިޔާމްގެ ލަގޮނޑި އަށް ކެތްނުކުރެވިގެން މަގާމު ދިނީ. އަޅުގަނޑުމެން (އަދާލަތު ޕާޓީ) ދޫކޮށްލާފައި ދިޔައީ ދޮންކަޅު ވެސް އަންގާނުލައި،" އަދާލަތުގައި ހުންނަވާފައި އެމްޑީއޭ އަށް މުއިއްޒު ބަދަލުވެވަޑައިގެންނެވި ގޮތް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ޔާމީން ސަރުކާރުގެ ބޮޑު މަގާމު ހޯދަން ޕީޕީއެމަށް މުއިއްޒު ބަދަލުވެވަޑައިގަތްކަން ސިޔާމަށް އެނގިވަޑައިގެންނެވީ ނޫހުން ކަމަށެވެ.
ދެހާސް ތޭރަ ވަނަ އަހަރު ގާއިމްކުރި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރަކީ ވެސް މުއިއްޒެވެ. އެ މަގާމު އޭނާ ދެމެހެއްޓީ ޕީޕީއެމަށް ބަދަލުވެގެން އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ. ފަހުން ވަނީ އެ ޕާޓީގެ ނައިބް ރައީސްކަން ވެސް ހޯއްދަވައިފަ އެވެ.
އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް އައުމާ އެކު އެމަނިކުފާނަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ބަލައި މުއިއްޒު ގެންދެވީ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ދުރާލާ ތައްޔާރުވަމުންކަން މިހާރު އެނގެ އެވެ. އެކަމަކު އެންމެ ފަހު ވަގުތާ ޖެހެންދެން މުއިއްޒު ގެންދެވީ އެކަން ދޮގު ކުރައްވަމުންނެވެ.
ޕީޕީއެމުން ނިންމާފައި ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގައި އެ ޕާޓީގެ ފުރަތަމަ ޗޮއިސް އަކީ ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕްލޭން ބީ އަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރުމެވެ. އަދި ޕްލޭން ސީއަކީ ޕީއެންސީގެ ކެންޑިޑޭޓެއް ނެރުމެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން 'ބެކަޕް ކެންޑިޑޭޓް'އެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ. ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ މީހެއްގެ ނަމެއް ފޮނުވުމަށް ދެ ފަހަރެއްގެ މަތިން ލީޑަޝިޕަށް ޔާމީން އެންގެވި ނަމަވެސް ލީޑާޝިޕުން ބޭނުންވީ، ޔާމިން އެކަމުގައި ގޮތެއް ނިންމުމަށެވެ. އެހެންވެ ޔާމީން ލީޑާޝިޕަށް އެންގީ ޕީއެންސީގެ ސެނެޓުން ޓިކެޓް ދޭނެ މީހަކު ނިންމުމަށެވެ.
ޔާމީންގެ އެ އެންގުމާ އެއްގޮތަށް އަސާސީ ގަވައިދަށް ބަދަލު ގެނެސް، ޕީއެންސީގެ ސެނެޓުން ޓިކެޓް ދޭނެ މީހަކު ނިންމުމަށް ލީޑަޝީޕުން ނިންމުމާ އެކު މުއިއްޒު ވަނީ ޕީޕީއެމުން ވަކިވެވަައިގެން ޕީއެންސީ އަށް އެ ދުވަހުން ދުވަހަށް ބަދަލުވެވަޑައިގެންފަ އެވެ. އަދި އެ ދުވަހު ޕީއެންސީގެ ސެނެޓުގައި ނެގި ވޯޓު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއާ ވާދަކުރައްވައި ދެ ވޯޓުގެ ތަފާތުން މުއިއްޒު ކާމިޔާބު ކުރެއްވި އެވެ. ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި ސެނެޓުގެ މެޖޯރިޓީ ހޯއްދެވުމަށް މުއިއްޒު ވަނީ ދުރާލާ ރާއްވަވައިގެން އެތައް ކަމެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި މުއިއްޒު މޭޔަރުކަން ކުރައްވަމުން ގެންދަވާ މާލޭ ސިޓީ ކައުންސިލުން ސެނެޓުގެ މެންބަރުންނަށް ވަޒީފާތައް ހަމަޖެއްސުން ހިމެނެ އެވެ.
މުއިއްޒު ޕާޓީތައް ބަދަލުކުރަމުން ދިޔަ ގޮތަށް ބަލާއިރު އެއިން ކޮންމެ ކަމެއްގެ ވެސް ފަހަތުގައި ވަނީ މަގާމު ހޯދުން ނުވަތަ މަގާމު ދިފާއު ކުރުންކަން ވަރަށް ރަނގަޅަށް ސާފުވެ އެވެ. ޚާއްސަކޮށް ޝެއިޚް އިމްރާން ދެއްކެވި ވާހަކަތަކުންނެވެ. ޕީޕީއެމުން ޕީއެންސީ އަށް ބަދަލުވީ ރިޔާސީ ޓިކެޓުގެ ބޭނުމުގައިކަން މާ ބޮޑަށް ވެސް ސާފުވެ އެވެ.
މިއީ ޔާމީނަށް ވެސް އެންމެ ފަހު ވަގުތު ލަނޑުދިން މީހެއް
މިވަރުގެ ދަހިވެތި މީހަކަށް ވެރިކަން ދޭން ހެޔޮ ނުވާނެ