ކ. ތިލަފުށީ ފަޅުގެ ބާކީ އޮތް ސަރަހައްދުން 139.4 ހެކްޓަރުގެ ބިން ހިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފި އެވެ.
ތިލަފުށީ ފަޅުގެ ބާކީ އޮތް ސަރަހައްދު ހިއްކުމާ ބެހޭ ކުރެހުންތައް ތައްޔާރުކުރުމާއި ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަލާ ރިޕޯޓް ތައްޔާރުކުރާނެ ބަޔަކު ހޯދުމަށް އެޗްޑީސީން އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ ޕްލޭންތައް ހެދުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުން ހިމަނާފައިވެ އެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ 12:00ގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ.
އެޗްީޑސީން އާއްމުކުރި ޑޮކިއުމަންޓެއްގައިވާ ގޮތުން ތިލަފުށީ ފަޅު މިފަހަރު ހިއްކަން ހަމަޖެހިފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. މީގެތެރޭގައި ހިމެނެނީ 75.9 ހެކްޓަރުގެ ސަރަޙައްދަކާއި 33.6 ހެކްޓަރުގެ ސަރަޙައްދަކާއި 28.5 ހެކްޓްރުގެ ސަރަހައްދެކެވެ. ތިލަފުށީ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގައި ޖުމްލަ 139.4 ހެކްޓަރު އަދި 1.4 ހެކްޓަރު ހިމެނެ އެވެ.
ތިލަފުށީ ދެވަނަ ފިޔަވަހީ ހިއްކާއިރު، 2016ވަނަ އަހަރު ތިލަފުށީ އިންޑަސްޓްރިއަލް ޒޯންގެ ނަމުގައި 22 ހެކްޓަރުގެ ސަރަޙައްދެއް ހިއްކާފައިވެ އެވެ. މި ސަރަޙައްދާ ތިލަފުށިން ފުރަތަމަ ހިއްކި ސަރަޙާއްދާ ގުޅާލާފައި ވަނީ ކޯޒްވޭއަކުންނެވެ. އިންޑަސްޓްރިއަލް ޒޯން ބޭނުންކުރަނީ ވިޔަފާރިތަކުން ގުދަންކުރުމުގެ މަސައްކަތަށެވެ.
މާލެ ކައިރީ އޮންނަ ކުރީގެ ތިލަފަޅު، ފުރަތަމަ ފަހަރަށް ހިއްކާފައިވަނީ 1991ގަ އެވެ.