ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާންއަށް މިއަދު 43 އަހަރު ފުރުމާ ގުޅިގެން އޭނާއަށް ސަޕޯޓްކުރާ އެތައް ބަޔަކު ދުވަހުގެ ތަހުނިޔާ ކިޔަމުން އެބަދެ އެވެ.

ކަރީނާއަކީ ބޮލީވުޑްގެ ވެޓެރަން އެކްޓަރުން ކަމަށްވާ ރަންދީރު ކަޕޫރާއި ބަބީތާގެ ހަގު ދަރިފުޅެވެ. އޭނާ އުފަންވީ 1980 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

އޭނާ ބޮލީވުޑަށް ނުކުމެފައިވަނީ 2000 ވަނަ އަހަރު ނުކުތް "ރެފިއުޖީ" ފިލްމުން އަބީޝޭކް ބައްޗަންއާ އެކުގަ އެވެ. އެއޫ އަބީޝޭކްގެ ވެސް ފުރަތަމަ ފިލްމެވެ.

އޭގެ ފަހުން މިވީ 23 އަހަރު ތެރޭގައި ކަރީނާ ވަނީ ކާމިޔާބު އެތައް ފިލްމެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ކަބީ ޚުޝީ ކަބީ ޣަމް, ޖަބް ވީ މެޓް, ބަޖްރަންގީ ބައިޖާން ފަދަ ފިލްމުތައް ހިމެނެ އެވެ.

ކަރީނާއަށް އުފަން ދުވަހުގެ ތަހުނިޔާ ކީ ގިނަ ބަޔަކު ވަނީ ބޮލީވުޑްގައި އަދިވެސް އޭނާއާ އެއް ވަރަށް ފައިހަމަ ކުރެވޭ ތަރިއަކު ނެތް ކަމަށް ބުނެފަ އެވެ.

ސައިފް އަލީ ޚާންއާ ކައިވެނި ކޮށްގެން އުޅޭ ކަރީނާއަށް މިހާތަނަށް ދެ ކުދިން ލިބިފައިވެ އެވެ.

ކަރީނާ މިހާރު ކުރަމުން އަންމަނީ އޯޓީޓީ ޕްލެޓްފޯމުގައި ދައްކަމުން އަންނަ "ޖާނޭ ޖާން"ގެ މަސައްކަތެވެ.