ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވިތާ އަދި 24 ގަޑިއިރެއް ނުވެ އެވެ. އެހެން ނަމަވެސް އެމަނިކުފަނު ވަނީ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ފުރަތަމަ ވައުދު ފުއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އެއީ ރައީސް ޔާމީން އަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތެވެ.

ޑރ. މުއިއްޒުގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ވެސް އެންމެ ފުރަތަމަ މުއިއްޒު ވައުދުވެވަޑައިގެންނެވީ ރައީސް ޔާމީން އަށް އިންސާފުވެރި ޝަރީއަތެއް ހިންގާ އެމަނިކުފަނު މިނިވަންކުރައްވާނެ ވައުދެވެ. މުއިއްޒު ކެމްޕެއިން ތެރޭގައި ވެސް ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް އެމްޑީޕީގެ ސަރުކާރުން ހިންގައިފި ނަމަ އެމަނިކުފަނުގެ އެއްވެސް ކުށެއް ނެތްކަން ސާބިތުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ހުންނަވާނީ ގޭގައި ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޤާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކޮށް، އަނިޔާވެރިކަމާ ބަދަލުހިފުމުގެ ރޫޙު ނިމުމަކަށް ގެންނާނެ ކަމަށެވެ. ރިޔާސީ ކެމްޕެއިނަށް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ވެސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދެއް ފުއްދާނެ ކަމަށެވެ. އަދި ތަކުރާރުކޮށް ރައްޔިތުންނަށް އެޔަގީންކަން ދެއްވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ނ.މާޅެންދޫއިން މަރުހަބާ ކިޔަނީ.. ފޮޓޯ: ޕީޕީއެމް

މުއިއްޒު ކެމްޕެއިންގައި ބާއްވާ ކޮންމެ ޖަލްސާއެއްގައި ފާހަގަ ކުރައްވާ އެއް ކަމަކީ، އޭނާ ވެރިކަމަށް ވަޑައިގެންފި ނަމަ، ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަން ކުރައްވާނެ ވާހަކަ އެވެ. އެގޮތުގެ މަތީން އެ މަސައްކަތް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެވަޑައިގެންނެވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މުއިއްޒު ފެއްޓެވީ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު މުއިއްޒު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރަށް މުއިއްޒު ގޮވާލެއްވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށެވެ.

މުއިއްޒު ވިދާޅުވީ ރައިސް ޔާމީން ގެއަށް ބަދަލުކުރުމަކީ ރައީސް ޞޯލިހުއަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު މި ދަނޑިވަޅު ރައީސް ޞޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާ އެކު ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް. އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްްވުމަށްފަހު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެ ކޯލިޝަންގެ އިސްވެރިން ރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ޕީޕީއެމް

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ފަހު ޑރ. މުހައްމަދު މުއިއްޒު އާއި ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް މިއަދު ފުރަތަމަ ފަހަރަށް ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގެ މާބޮޑު ތަފްސީލެއް އެއްވެސް ބޭފުޅަކު ނުދެއްވަ އެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމާށް ދާދި ދެންމެ ވަނީ މާލެ ގެނެސްފައި

ދެ ބޭފުޅުން ބައްދަލުކުރައްވާފައި ރައީސް ޔާމީން ވަނީ ގެއަށް ބަދަލުކޮށްފަ އެވެ. ރައީސް ޞޯލިހުއާ މުއިއްޒު ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު ރައީސް ޔާމިން މާލެ ގެނައުމަށް ދިޔައީ ތައްޔާރުވަމުންނެވެ. ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް މާލެ ގެނެސްފައި ވަނީ ހަވީރު 4:00 އެހާއިރު އެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށު މައްސަލައިގަ އެވެ. އެ ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމަވައިފަ އެވެ. މި މައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ.