ފަސް އަހަރު ދުވަހުގެ ވެރިކަމަށް ފަހު، ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށާއި ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އުޅުއްވި ނަމަވެސް ދޭތެރެއަކުން ރާއްޖެ އިން ބޭރަށް ދަތުރު ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

އެހެން ނޫނީ ދިރިއުޅުއްވާނީ މާލޭގައި ނުވަތަ އުފަން ރަށް ޅ. ހިންނަވަރުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ރާއްޖެ ދޫކޮށް ދާން ޖެހޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑު ދިރިއުޅޭނީ ރާއްޖޭގައި. އަޅުގަނޑުގެ އުފަން ރަށުގައި އާއި މާލޭގައި،" ރައީސް ވިދާޅުވި އެވެ.

"ރާއްޖެ އިން ބޭރަށް މީހުން ދަތުރުކޮށް އުޅޭ، އެގޮތުން ބައެއް ފަހަރު ރާއްޖެ އިން ބޭރަށް ދަތުރުކޮށްލާނަން. "ރާއްޖެ ދޫކޮށް ދިރިއުޅުން ބަދަލު ކުރުން އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން." ރައީސް ވިދާޅުވި އެވެ.

ރައީސް އެގޮތަށް ވިދާޅުވީ އެމަނިކުފާނު އިންތިހާބަށް ފަހު ރާއްޖެއިން ފުރައިގެން ގޮސްދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގެ ތެރޭގައި ކުރެއްވި ކޮންމެ ކަމެއްކޮށް ކުރައްވާފައިވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ކޮށް ގޯސް ގޮތަކަށް ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ޖަވާބުދާރީ ވެވަޑައިނުގެންނެވޭ ކަމެއް ވެސް ނޯންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ކުރި ހޯއްދެވި ދެ ކެންޑިޑޭޓުންނަކީ މުއިއްޒާއި ރައީސް ސޯލިހެވެ. އެ ބުރުގައި މުއިއްޒު ވަނީ 101،635 ވޯޓު ހޯއްދަވައިފައެވެ. ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ހޯއްދެވުނީ 86،161 ވޯޓެވެ. ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ އެއް ވަނަ އާއި ދެވަނަ އަށް ދިޔަ ކެންޑިޑޭޓުގެ ދެމެދުގައި ވަނީ ދެވަނަ ބުރެއް ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ދެވަނަ ބުރުގައި މުއިއްޒު ވަނީ 129،159 ވޯޓް ހޯއްދަވައިފަ އެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.