މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދާއިމީ ނަތީޖާ މާދަމާރޭ އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިއަދު ބުނި ގޮތުގައި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން އޮންނާނީ މާދަމާރޭ 8:30 ގައި އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގޭ) ގަ އެވެ. މީގެކުރިން ދާއިމީ ނަތީޖާ އިއުލާން ކުރާ ގޮތަށް އޮތީ އަންނަ އާދިއްތަ ދުވަހުގެރެ އެވެ.

ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. ރައީސް ސޯލިހާއި މުއިއްޒާ ދެމެދުގައި 19،291 އަށް ވުރެ ގިނަ ވޯޓުގެ ތަފާތެއް އޮތް ކަމަށް ދައްކަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި، މުއިއްޒު ކާމިޔާބު ހޯއްދެވިއިރު، ވެރިކަން ބަދަލުވުމުގެ މަރުހަލާ ވަނީ ފަށައިފަ އެވެ. އަދި އެކަމަށް ހާއްސަ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ.

ޑރ. މުއިއްޒަކީ މިހާރު މާލެ މާލެ ސިޓީގެ މޭޔަރެވެ. އެމަނިކުފާނު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރައްވައިފަ އެވެ.