ރާއްޖޭގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލަރއާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދު އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މި ބައްދަލުކުރެއްވުމުގައި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި، އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލާ ވަނީ، ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށްޓަކައި އިނގިރޭސި ވިލާތުގެ ސަރުކާރާ، ރައްޔިތުންނާ، އެކަމަނާގެ އަމިއްލަ ނަންފުޅުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި ޑރ. މުއިއްޒުގެ ޒައާމަތުގައި އިނގިރޭސި ވިލާތާ ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ސެޕްޓެމްބަރު 30 ގައި ލިބިވަޑައިގަތް ކާމިޔާބަށްފަހު، އިންތިހާބީ ރައީސް ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކީ އެކަމަނާ ކަމަށް ވެވެޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއްކަމުގައި އިނގިރޭސި ސަފީރުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވި އެވެ. އަދި މިއީ، ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް އިނގިރޭސި ވިލާތާއެކު ބާއްވަވަމުން ގެންދަވާ ގާތްގުޅުން މި ސަރުކާރުން ވެސް ދަމަހައްޓަވަމުން ގެންދަވާނެ ކަމަށް ލިބިވަޑައިގަތް ފުރިހަމަ ޔަގީންކަމެއް ކަމުގައި ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، އިންތިހާބީ ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އިނގިރޭސި ވިލާތުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އަލަށް އުފެދޭ ސަރުކާރާއެކު ވެސް އޮންނާނެކަމަށް ދެއްވި ޔަގީންކަމަށްޓަކައި ސަފީރަށް ޝުކުރު އަދާކުރެއްވެވި އެވެ. އަދި ހުރިހާ ދާއިރާއަކުން ވެސް އިނގިރޭސި ވިލާތާއޮތް ގުޅުންތައް ވަރުގަދަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

ދިވެހި ގައުމަށާއި ރައްޔިތުންނަށާއި މަންފާހުރި އާ އެތައްކަމެއް އިނގިރޭސިވިލާތާއެކު އޮތް ގާތްގުޅުމުގެ ސަބަބުން ހާސިލްވާނެކަމުގެ އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.