ޕީޕީއެމް/ޕީއެންސީގެ ސަރުކާރު ވެގެންދާނީ ކައުންސިލްތަކަށް ވަރަށް ފަހި ސަރުކާރަކަށް ކަމަށް އިންތިހާބީ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު މާލެ ކައުންސިލް ހިންގެވުމުގައި ސަރުކާރުގެ ފަރާތުން ވަރަށް ބޮޑެތި ދަތިތައް ދިމާވި ކަމަށެވެ. އެގޮތުން ބޮޑެތި ކަންކަން ކުރައްވަން އުޅުއްވި ނަމަވެސް މި ސަރުކާރުގެ ސަބަބުން އެކަންކަން ނުކުރެއްވުނު ކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ. އެގޮތުން ލޭންޑް ޔޫސް ޕްލޭން ފާސް ނުވުމާއި ކުންފުނި ރަޖިސްޓްރީކޮށް ނުދިނުން ފަދަ ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ޕާކިން ބިލްޑިންތައް އަޅަން އުޅެ އުޅެ، އެ ހުއްދައެއް ނުދިން. ދެން މިހެން ގޮސް ހުރިހާ ކަމެއް. މަގު ހެދުމުގެ މަޝްރޫއު ގެންދިޔައީ. މި ފާހަގަކޮށްލެވޭ ކަންކަން. މިކަން ދިމާވެފައި ހުރީ ސިޔާސީ ގޮތުން ފިކުރު ދިމާ ނުވާ ކައުންސިލްތަކުގައި،" މުއިއްޒު ވިދާޅުވި އެވެ.

މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކައުންސިލްތަކަށް ވަކި މިނިސްޓްރީއެއް ހަދައި، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ބާރު ދީގެން ކައުންސިލްތަކުން ބޭނުންވާ ކަންކަން ސަރުކާރުގެ ތެރެއިން ހުއްދަ ލިބޭ ގޮތް ހަދައި، ކައުންސިލްތައް ހިންގުމަކީ ކުރައްވާނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ، ދެން ފެނިގެންދާނީ 17 ނޮވެމްބަރަށް ފަހު، މާލެ ސިޓީ ކައުންސިލުން ހުއްޓިފައި ހުރި ހުރިހާ ކަމެއް އަދި އެހެން ކައުންސިލުން ވެސް ހުއްޓިފައި ހުރި، ހުއްދަ ނުލިބިގެން ނުހިނގާ ހުރި ކަންކަން އިރާދަކުރެއްވިއްޔާ ވަރަށް ފަސޭހަކަމާ އެކީގައި ހުއްދަ ލިބިގެން ރައްޔިތުން އިންތިހާބުކޮށްފައި ތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ފުރިހަމަ އަށް އަދާ ކުރަން ފުރުސަތު ލިބިގެން ދާނެ. މި ކައުންސިލްގައި މަޑު ޖެހިފައި ހުރި ކަންކަން ބާރަށް ހިނގާނެ،" މުއިއްޒު ވިދާޅުވި އެވެ.

"ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރެވިގެންދާނެ އިރާދަކުރެއްވިއްޔާ،"

މުއިއްޒު ވިދާޅުވީ މި ސިޔާސަތުތަކާ އެކީގައި ރައްޔިތުން އުފާވެރިކަމާ އެކީގައި ބޭތިއްބުމަށް މާލެ ސިޓީ ކައުންސިލުން ވެސް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަކީ އެދޭ އެދުމެއް ކަމަށާއި އެކަމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ހަވާލު ކުރައްވަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ޓްރާންސިޝަނަލް މުއްދަތުގައި ކުރަން ޖެހޭ ކަންކަން ހުރުމުން އެކަންކަމަށް ހުސްވުމަށް މުއިއްޒު ވަނީ ނިންމަވައިފަ އެވެ.