ސައިބާ ފްރޯޑްގެ ޝިކާރައަކަށް ބޮލީވުޑްގެ އެކްޓަރު އަފްތާބު ޝިވްދަސާނީ އަތުން 1.5 ލައްކަ ރުޕީސް ގެއްލިއްޖެ އެވެ.
އަފްތާބު އާއި ހަވާލާދީ ފުލުހުން ބުނީ އާފްތާބު އަތުން ފައިސާ ގެއްލެން މެދުވެރިވީ ނޯ ޔޯ ކަސްޓަމާގެ ނަމުގައި ޕްރައިވެޓް ސެކްޓާއެއްގައި ރަޖިސްޓްރީކޮށްފައި އޮންނަ ބޭންކް އެކައުންޓުގެ މަޢުލޫމާތު އަޕްޑޭޓް ކޮށްލަން އެދި ލިބުނު މެސެޖްގެ ލިންކްއަށް ފިތާލުމުން ކަމަށެވެ.
"އާފްތާބަށް ނޭނގޭ ފޯނު ނަންބަރަކުން މެސެޖެއް ލިބުނު. އެ މެސެޖުގައި ބޭންކު ވަނީ އެކައުންޓް ސަސްޕެންޑް ކޮށްފައިވާ ކަމަށް، އެކައުންޓް އެކްޓިވް ކުރުމަށް މައުލޫމާތު ފުރިހަމަ ކުރުމަށް ވަނީ ބުނެފައި. މައުލޫމާތު ފުރިހަމަ ކުރުމުން އެކައުންޓުން 1،49،999 ރުޕީސް ނެގި ކަމަށް މެސެޖެއް ލިބުނު" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.
އާފްތާބަށް މިކަން ފާހަގަވި ހިސާބުން ބޭންކުގެ އެހީތެރި ކަމާއެކު މިމައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. މިހާރު ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަދި މިމައްސަލަ ވަނީ އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޕެނަލް ކޯޑުގައިވެސް ރަޖިސްޓާވެސް ކޮށްފަ އެވެ.
އަފްތާބަކީ ބޮލީވުޑާއި ތަމަޅަ ފިލްމާއި ކަންނާޑާ ފިލްމުތަކުން ވެސް ފެނިގެން ގޮސްފައިވާ ފަންނާނެކެވެ. އޭނާގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑަށް ތައުރީފު އޮހުނު މަސައްކަތަކީ ވިކްރަމް ބަޓްގެ މަޝްހޫރު ސަސްޕެންސް ތްރިލާ، 'ކަސޫރު' އެވެ.
ދެހާހުގެ ކުރީކޮޅު ނެރުނު 'ކަސޫރު' އަކީ އެ ދުވަސްވަރު ރާއްޖޭގައި ވެސް ވަރަށް ބޮޑަށް މަޝްހޫރުވި ހިންދީ ފިލްމެކެވެ. އަފްތާބުގެ އެހެން ފިލްމުތަކުގެ ތެރެއިން ދިވެހިންގެ މެދުގައި މަގްބޫލުވި އެހެން ފިލްމުތަކުގެ ތެރެއިން 'ހަންގާމާ' އާއި 'މަސްތީ' ފަދަ ކޮމެޑީ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.