މިހާރު އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ ހަނގުރާމައާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރަން ފުރުސަތު ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްއަށް ޔޫރަޕިއަން ޔޫނިއަންއިން އިންޒާރުދީފި އެވެ.
އީޔޫއިން ވަނީ ހަނގުރާމައާ ބެހޭ ދޮގު މައުލޫމާތުތައް އާއްމުކުރާ ވީޑިއޯތައް ޓިކްޓޮކްގައި ދައުރުވަމުން އަންނަ ކަމަށާއި އެއީ ހުއްޓާލަން ޖެހޭ ކަމެއް ކަމަށެވެ.
އީޔޫއިން ޓިކްޓޮކްގެ ވެރިޔާ ޒީ ޗިއުއަށް ފޮނުވި ސިޓީއެއްގައި 24 ގަޑިއިރު ތެރޭގައި އެފަދަ ވީޑިއޯތަކާ މެދު ފިޔަވަޅު އެޅުމަށް އަންގާފައިވެ އެވެ.
އީޔޫއިން އިތުރަށް ބުނީ ޓިކްޓޮކް ބޭނުންކުރާ ކުޑަކުދިންނާއި ފުރާވަރު ކުދިންނަށް ހަނގުރާމައިގެ ލާއިންސާނީ އަނިޔާވެރި މަންޒަރުތައް ފެނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ވިޔަނުދިނުމަކީ ޓިކްޓޮކްގެ ޒިންމާއެއް ކަމަށެވެ.
މީގެ ކުރިން އީޔޫއިން ވަނީ އެކްސް (ކުރީގެ ޓްވިޓާ) އަދި ފޭސްބުކްއާއި އިންސްޓަގްރާމް ހިންގާ ކުންފުނި މެޓާއަށް ވެސް އެފަދަ ކޮންޓެންޓްތައް ހުއްޓުވަން 24 ގަޑިއިރުގެ މުހުލަތެއް ދީފަ އެވެ.
މި އެންގުންތަކާ ހިލާފުވެއްޖެނަމަ ފުރިހަމަ ތަހުގީގެއް ކޮށް ފިޔަވަޅު އެޅުމުގެ ބާރު އީޔޫއަށް ލިބިގެންވެ އެވެ. އެފަދަ ތަހުގީގަކުން ބޮޑު ޖޫރިމަނާއެއް އައުން އެކަށީގެންވެ އެވެ.