ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ފައްޓަވާނެ ކަމަށާއި ވެރިކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ ހަފްތާގެ ތެރޭގައި އެކަން ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސްގެ ހައިސިއްޔަތުން "އަލް ޖަޒީރާ" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބެން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ދިވެހި ރައްޔިތުން ބޭނުން ނުވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމުވެ ތިބުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމެވެ. އަދި ޑިޕްލޮމެޓިކްކޮށް މަޝްވަރާކޮށްގެން އެ މައްސަލަ އަށް އަވަސް ހައްލެއް އައުމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާހަކަ. އެއީ ކޮންމެ ބޭނުމަކަށް ތިބި ބައެއް ކަމަށްވީ ނަމަވެސް ދިވެހިން އެކަން ބޭނުމެއް ނުވޭ. އެއީ މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދިން މައިގަނޑު ސަބަބު. އަޅުގަނޑު ހޯދަން ޑިޕޮލޮމެޓިކަލީ އިންޑިއާއާ ވާހަކަ ދައްކައިގެން ސިފައިން ބޭލުމަށް މަސައަތް ފުރަތަމަ ދުވަހު ފަށާނަން،" މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާ އެކުގައި އެންމެ ފަހުން ބޭއްވެވި ބައްދަލުވުމުގައި އެންމެ އިސްކަން ދޭ ކަންތައްތަކުގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ކަމަށެވެ.
އަދި އެކަމުގައި އެކުގައި މަސައްކަތްކޮށްގެން ހައްލެއް ހޯދުމަށް ބޭނުންވާ ކަން އިންޑިއާ އިން ވެސް ހާމަކޮށްފައިވާ ކަމަށާއި އިންޑިއާ އިން އޮތީ މިކަމުގައި ކުރިއަށްދާން ތައްޔާރަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ދިވެހިން އެދޭ ގޮތެއް ނޫން ކަަމަށެވެ. ރާއްޖެ އަކީ ކުޑަ ގައުމަކަށްވެފައި، ސިފައިންގެ ބޮޑު އަސްކަރިއްޔާއެއް ނެތި، ބޭރުގެ ގައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރައްޔިތުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަޅުގަނަޑުމެންބޭނުންވަނީއިންޑިއާސިފައިންބައިލާއިރުވީޑިއޯކޮށްދިވެހިރައްޔިތުންނަށްދައްކައިގެންބޭލުން