ކޮންމެ އިރަކުވެސް ކެއުމަށްފަހު އެންމެ މަދުވެގެން ދެ މިނެޓެއްހާއިރު ހިނގާލަން ދިޔަ ނަމަވެސް އެކަމުގެ އެދެވޭ އަސަރު ހަކުރު ބަލީގެ މީހުންނަށް ކުރާ ކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ.

ދަ ޖާނަލް އޮފް ސްޕޯޓްސް މެޑިސިންގައި 2022 ވަނަ އަހަރު ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ކެއުމަށްފަހު ދެމިނެޓާއި ފަސް މިނެޓާ ދެމެދުގެ ވަގުތުކޮޅަކަށް ހިނގާލިޔަސް ވެސް ހަކުރު ކޮންޓްރޯލް ކުރަން އެހީވާ ކަމަށެވެ.

އެގޮތުން ހިނގަން ދާއިރު ހިނގުމުގައި ހޭދަކުރާ ވަގުތު މުހިއްމު ނޫން ކަމަށާއި މުހިއްމީ އެ ހިނގާ މަދު ވަގުތުކޮޅުގައި ވެސް ބުންވަރާއެކު ބާރަށް ހިނގުން ކަމަށް އެދިރާސާގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ ދިރާސާގައި ބުނެފައިވަނީ ދުވަހުގެ ގިނަ ވަގުތު އިށީނދެގެން ނުވަތަ އޮށޯވެގެން އޮންނަ މީހުންނަށްވުރެ ތެދުވެ ހަރަކާތްތެރިކޮށް އުޅޭ މީހުންގެ ހަކުރުގެ މިންވަރު ރަނގަޅު ކަމަށެވެ.

މި ދިރާސާއަށް އެހެނިހެން ދިރާސާތަކުން ވެސް ބާރު ދީފައިވާއިރު ކެއުމަށްފަހު ހަރަކާތްތެރިވެ އުޅުމަކީ އެކި ގޮތްގޮތުން ސިއްހަތަށް ފައިދާކުރާ ކަމެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.

އެގޮތުން އެއީ ކާނާ ހަޖަމު ކުރަން ފަސޭހަވެ ބަރުދަން ލުއިވުމަށް ވެސް މަގުފަހިވާ ކަމެއް ކަމުގައި މާހިރުން މީގެ ކުރިން ވެސް ބުނެފައިވެ އެވެ.

ދިވެހިންގެ އާދަތައް ހުންނަ ގޮތުން ގިނަފަހަރަށް ކައިގެން އައިސް ބަނޑު ދަމާލަން އޮށޯވެވެނީ އެވެ. އެހެން ނަމަވެސް އޭގެ ބަދަލުގައި ގޭގެ ކޮށި ވަށައިގެން އެއްބުރު ޖަހާލުމަކީ ވެސް މާ ފައިދާހުރި ކަމަކަށްވާނެ އެވެ.