ފަލަސްތީނުގެ އަޚުންނާއި އުޚްތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ހާމަކުރައްވާފަ އެވެ.

ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާނުލައި ރާއްޖެއިން ތާއީދު ކުރާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ތާއަބަދަށް ފަލަސްތީނުގެ ރައްޔިތުންނާއެކުކަން ތަކުރާރު ކުރައްވާ ކަމަށެވެ.

ފަލަސްތީނަށް ވެރިވެގަނެފައިވާ ޔަހޫދީ އިސްރާއީލު ސިފައިން ގެންދަނީ ކޮންމެ ރެއަކު ފަލަސްތީނަށް ބޮން އަޅައި އެތައް ބަޔަކު ޝަހޯދު ކުރަމުންނެވެ. އެގޮތުން ކޮންމެ ރެއަކު ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ބަޔަކު ގެންދަނީ ޝަހީދު ކުރަމުންނެވެ.

ދާދިފަހުން އިސްރާއީލުން ވަނީ ފަލަސްތީނުގެ ހޮސްޕިޓަލަކަށް ބޮން އަޅައި 700 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ.

ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާއި ރާއްޖޭގެ އެކި މުއައްސަސާތަކާއި ޖަމިއްޔާތައް ގުޅިގެން ވެސް އަންނަނީ ފަލަސްތީނަށް އެހީވުމަށް ފަންޑްރެއިޒިން ހަރަކާތްތަކެއް ހިންގަމުންނެވެ. މިކަމުގައި މަސްވެރިން ވެސް އަންނަނީ ބައިވެރިވަމުންނެވެ.