ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް އެމަނިކުފާނު ހަޖޫ ޖައްސަވައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ބްރެއިން އަދި ސްޕައިން ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ހަފުލާއަށް އެމަނިކުފާނު ވަޑައިގަންނަވަން ޖެހުނީ އިންތިހާބީ ރައީސަކާއި މަގާމާ ދުރުވާ ރައީސެއް ހުރުމާއެކު އިތުރު މީހަކު ނެތުމުން ކަމަށެވެ.

"ހަމައެކަނި ހުރީ އަޅުގަނޑު، އެކަމަކު އަޅުގަނޑުގެ ވެސް އިތުބާރުގެ މައްސަލައެއް އަބަ އުޅޭ، މީގެ ދެ ހަފުތާކުރިން އެބޭފުޅުންގެ އިތުބާރެއް ނެތް، މިދިޔަ ހަފުތާ އިތުބާރު އޮތް، އަނެއްކާ މިހާރު ނެތް ކަމަށް ވިދާޅުވަނީ،" ސަމާސާ ރާގެއްގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ވެސް އެކަން ކުރެވިދާނެތޯ ބައެއް ފަހަރު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ކުރިމަތިވެވަޑައިގަންނަވާ މައްސަލައަކީ އެ މަނިކުފާނުގެ އިތުބާރު ނެތްކަމަށް ބުނެ އޮތް މައްސަލަ ކަމަށް ވިދާޅުވި އެވެ.

"[ވިންސްޓަން] ޗާޗިލް ވިދާޅުވިހެން، ސިޔާސީ ކަންކަމުގައި ހަފުތާއަކީ ވަރަށް ގިނަ ދުވަސް،" ކައިރި ކައިރީގައި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާތީ ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކިކުރަން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅީ އެމަނިކުފާނު އެމްޑީޕީން ވަކިވެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ފެއްޓުވުންނެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދު ހޯދުމުގެ ބޭނުމުގައި އެމައްސަލަ މަޖިލީހުން ނެގި އެވެ.

އެކަމަކު ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ރައީސް ސޯލިހަށް ތާއީދު ނުކުރެއްވުމަށް ނިންމަވައިފަ އެވެ. އެއާއެކު އެމްޑީޕީން ވަނީ އަނެއްކާވެސް ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހެޅި ގަރާރު ބަލައިގަނެ، އެ މަނިކުފާނަށާއި މަޖިލިސް މެންބަރުންނަށް ވަނީ ނޯޓިސް ވެސް ފޮނުވާފައިވަ އެވެ.

އެމްޑީޕީން އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން ދަނިކޮށް ނަޝީދު ވަނީ، އިތުބާރު ނެތް ކަމުގެ މައްސަލަ މި ދައުރުގައި ބަލައިގަންނަން ދަތިވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު އޭގެ ފަހުން މަޖިލީހުގެ އިދާރާއިން ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފަ އެވެ. އެ މައްސަލައިގެ ބަހުސް އަންނަ އާދިއްތައަށް އަދި ވޯޓުލުން ހޯމަ ދުވަހަށް މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ.