މަޑުޖެހިފައިވާ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަކީ އަމާޒެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންސްޓްރަކްޝަން ދާއިރާގެ އެސޯޝިއޭޝަން (މަސީ) އިން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ހުރިހާ ސިނާއަތަކަށް ވެސް އެންމެ މުހިއްމު އެއްކަމަކީ މަޑުޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަވަހަށް ނިމިގެން ދިޔުން ކަމަށެވެ. ނަމަވެސް އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށްގެންދާ ކޮމިޓީތަކުން އެއްކުރެވިފައިވާ މައުލޫމާތުތަކުން ދައްކާގޮތުން މި މަސައްކަތް މިހާރު ކުރިއަށްދާ ޝެޑިއުލްގެ ދަށުން ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ 2025 އަހަރުގެ ޖުލައި މަހު ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް އަވަސްކުރަން ޖެހޭ ކަމަށާއި އެމަނިކުފާނު އަމާޒަކީ އަންނަ ސެޕްޓެމްބަރަށް އެއާޕޯޓްގެ މަސައްކަތް ނިންމާލުން ކަމަށެވެ.
"އަޅުގަނޑު ވާނީ ނިންމާފައި ހުވާކުރެއްވުމަށް ފަހު ސީދާ ރައީސް އޮފީހުގައި އަޅުގަނޑު ޗެއާކުރާ ގޮތަށް ކޮންމެ ދުވަހަކު ވެސް މި މަޝްރޫއުގެ އަޕްޑޭޓްތައް ބަލާ މަސައްކަތް އަވަސްކުރުމަށް ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު މަސައްކަތްކުރަން. އަދި އަޅުގަނޑު އެބަ ވިސްނަން ކުރިއަށް އޮތް ދެ ހަފްތާތެރޭގައި އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް ސައިޓަށް ދާން ވެސް." ޑރ. މުއިއްޒު ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާ އިން މި ފަހުން ވަނީ އާ ޓާމިނަލްގެ މަސައްކަތް ނިންމަން 100 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފަ އެވެ.
އެއާޕޯޓް ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. އެހެންވެ، އެއާޕޯޓު ތަރައްގީ ކުރަން ސައުދީ ފަންޑުން ދިން އަދަދު 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަށް މިހާރު އަރާނެ އެވެ.