ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީން އިއްޔެ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ، މައްސަލަ ހުށަހެޅުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެއާ މިއަދަށް އެޖެންޑާ ކޮށްފައިވަނިކޮށް، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ވިދާޅުވުމާ އެކު، ދެ ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އެހެންވެ މަޖިލިސް ނުބޭއްވި މައްސަލައިގައި އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި މައިގަނޑު އެދުނީ ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ މަޖިލިހުގެ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް މަޖިލިހުގެ ނާއިބު ރައީސަށް ނާދެވިއްޖެ ހާލަތުގައި، މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ޖަލްސާ ކުރިޔަށް ގެންދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.
މަޖިލީހުގެ 44 ވަނަ މާއްދާގެ ހ. ގައި އޮންނަނީ، މަޖިލިސް ރައީސާއި ނާއިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި، ރިޔާސަތު ބެލެހެއްޓުމަށް މަޖިލިހުގެ ފަސް މެމްބަރަކު ތިއްބަވަން ޖެހޭނެ ކަމަށެވެ. އަދި އެ މެމްބަރުންނަކީ މަޖިލިހުގައި ތިއްބެވި އެންމެ ދުވަސްވީ މެމްބަރުންނަށް ވާން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި އެދިފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލިހުގެ އެހެން މަސައްކަތަކަށް ނުދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައިވެ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ސީދާ ނައިބު ރައީސް ކަމަށް އަމީންއާންމު ނިންމެވީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމީ، އެކަމުގައި ރަނގަޅު މާނަ ކުރުމެއް ކޯޓުން ކަނޑައަޅަން ކަމަށް އޭނާ ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުއްޓޭ ފަދަ ގޮތަކަށް ގާނޫނު މާނަކޮށްގެން ނުވާނެ ކަމަށާއި އެއްވެސް ހާލަތެއްގައި މަޖިލިސް ހުއްޓޭނެ ގޮތަށް އޮތުމަކީ ތަސައްވުރު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ގައުމެއްގައި ވެސް މަޖިލިސް ހުއްޓުވޭނެ ހާލަތެއް ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އަފީފް އެގޮތަށް ވިދާޅުވި އިރު، އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވަން އަންނަނީ ތައްޔާރުވަމުންނެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލިހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.