ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބެއްގައި ވާދަކުރައްވާ ކެންޑިޑޭޓުން ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާތާ އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ގޮތަށް އިންތިހާބީ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގު ކުރެއްވި އިރު، މި ބިލަކީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ 11 ވަނަ ޖަލްސާ އިން ފާސް ކުރި ބިލެކެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހަތަރު ވަނަ އިސްލާހް ގެނައުމުގެ ބިލުން އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ 65 ވަނަ މާއްދާއަށް، (ނ) ގޮތުގައި އަކުރެއް ވަނީ އިތުރުކޮށްފަ އެވެ. މި އަކުރުގައި ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ހައިކޯޓަށް ހުށަހަޅައިގެން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު ކަނޑައަޅާފައެވެ. އަދި ސްޕްރީމް ކޯޓުން އެ މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމަށް ލިބޭނެ އެންމެ ދިގު މުއްދަތުވެސް މި އަކުރުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާހުގައި، ކޮންމެ އިންތިހާބަކަށްފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށް ވާން ވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުންވެސް އިންތިހާބުތަކާބެހޭ އާންމު ގާނޫނު އަށް ހަތަރު ވަނަ އިސްލާހް ގެނައުމުގެ ބިލުގައި އެކިއެކި މާއްދާތަކަށް އިސްލާހް ހުށަހަޅާފައިވެ އެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހަތަރު ވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.