ރައީސް އިބްރާހިމް ނަސީރުގެ ވެރިކަމުގައި ބޮޑުވަޒީރުގެ ނައިބުކަމާއި ހޯމް މިނިސްޓަރުކަން ކުރެއްވި ހ. ކަރަންކާގެ، އިބްރާހިމް ރަޝީދު މިއަދު އަވަހާރަވެއްޖެ އެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ކަރަންކާ ރަޝީދު 92، އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު މާލޭގައި މިއަދު މެންދުރު އެވެ.

ކަރަންކާ ރަޝީދަކީ ރާއްޖޭގެ ސިޔާސީ އިޖުތިމާއީ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ހިދުމަތްތެރި ޝަޚުސިއްޔަތެކެވެ.

އިނގިރޭސިވިލާތުގެ ރާނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ރަޝީދު މަޑުކޮށްލައްވައިގެން.

އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގަ އެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތްކުރެއްވި ރަޝީދު ފުރަތަމަ އަދާކުރެއްވީ، މުހައްމަދު އަމީންގެ ވެރިކަމުގައި އުފެއްދި ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ.

އިބްރާހީމް ރަޝީދަކީ، ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރު ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަގާމާއި، ވުޒާރަތުލް މަޢާރިފުގެ ނައިބު ކަމުގެ މަގާމާއި، ވަޒީރުލްއައުޒަމްގެ ހާއްސަ ސެކްރެޓަރީކަމާއި، ވަޒީރުލްއައަޒަމްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓަ އޮފް ހެލްތު ކަމުގެ މަގާމާއި، މިނިސްޓަ އޮފް ހޯމްއެފެއާޒް ކަމުގެ މަގާމާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމު ހިމެނެ އެވެ.

https://www.youtube.com/watch?v=4ekopCiNOZ0

އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒައީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.