ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި ދިވެހިރާއްޖޭގެ ގައުމީ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް ރަޝީދު އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.

އިބްރާހީމް ރަޝީދު 92، އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ހ. ކަރަންކާގޭގަ އެވެ.

އިބްރާހީމް ރަޝީދަކީ، ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ އާއިލާއާއި ވެރިކަމުގެ އާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ.

އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގަ އެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެ އެވެ. ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ޚިދްމަތްކުރައްވައި، ގައުމީ ޚިދުމަތުގައި އެކި މަރުޙަލާތައް ވަނީ ކަޑައްތު ކުރައްވާފަ އެވެ.

އިބްރާހީމް ރަޝީދަކީ، ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރު ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަގާމާއި، ވުޒާރަތުލް މައާރިފުގެ ނައިބު ކަމުގެ މަގާމާއި، ވަޒީރުލްއައުޒަމްގެ ޚާއްސަ ސެކްރެޓަރީކަމާއި، ވަޒީރުލްއައުޒަމްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓަ އޮފް ހެލްތު ކަމުގެ މަގާމާއި، މިނިސްޓަ އޮފް ހޯމް އެފެއާޒްކަމުގެ މަގާމާއި، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމު ހިމެނެ އެވެ.

އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒައީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފަ އެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އެމަނިކުފާނަށް އަރުވާފައިވަނީ 26 ޖުލައި 2011 ގަ އެވެ.

އިބްރާހީމް ރަޝީދުގެ ގައުމީ ޚިދުމަތްތަކަށް ބަލާއިރު، އިނގިރޭސީންގެ ހިމާޔަތުގެ ދަށުން، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެވުނު ގައުމީ ޖިހާދުގައި ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ އަރިހުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ، އެ މަނިކުފާނެވެ. 1962 ވަނަ އަހަރު ވޯރާވިޔަފާރިވެރިންގެ އިގްތިސާދީ އަޅުވެތިކަމުން، ރާއްޖެއަށް އިގްތިސާދީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބޮޑުވަޒީރު ނާސިރު ކުރެއްވި ގައުމީ މަސައްކަތްޕުޅުތަކާއި، ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ތައުލީމުދޭން ފެށުމާއި، ގަވަންމަންޓް ހޮސްޕިޓަލް ހުޅުވުމާއި، އަތޮޅުތަކުގައި ސިއްހީ މަރުކަޒު ހުޅުވުމާއި، އެއާޕޯޓް ބިނާކުރުމާއި، ދަތުރުފަތުރާއި މުވާސަލާތުގެ ރޮނގުތަކުން އެދުވަސްވަރު ގައުމަށް އައި ހުރިހާ ތަރައްގީއަކާއި ކުރިއެރުމެއްގައި އަމަލީގޮތުން އެންމެ ހިކުމަތްތެރި ހީވާގި ދައުރެއް އަދާކުރެއްވި ހިންގުންތެރިއަކީ، އިބްރާހީމް ރަޝީދެވެ.

ސިޔާސީ، އިޖުތިމާއީ، އިގްތިސާދީ ދާއިރާތަކުން، ނާސިރުގެ ބޮޑުވަޒީރުކަމުގެ 11 އަހަރު ދުވަހާއި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ހުރިހާ ކުރިއެރުންތަކާއި، ގައުމީ ތަރައްގީއަށް ކުރި ބޮޑެތި ހުރިހާ މަސައްކަތްތަކެއްގައި އިބްރާހީމް ރަޝީދަކީ، އެންމެ އަމަލީ، އެންމެ ހިންގުންތެރިންގެ ތެރެއިން ވެސް އިސްވެރިއެކެވެ.