ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ އެ ގައުމަށް ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް މިއަދު އެދިއްޖެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސްކަމުގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު އެކަމަށް އެދިވަޑައިގަތީ އިންޑިއާގެ އާތު އެންޑް ސައިންސް މިނިސްޓަރު ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ.
އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ވެރިކަމުގެ ހުވާ ކުރައްވާ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މަސައްކަތްޕުޅު ފެއްޓެވުމަށް ހަމަޖެހިފައިވެ އެވެ. އަދި އުންމީދު ކުރައްވަނީ ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ ސިފައިން ފޮނުވާލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިންތިހާބީ ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ މަގު ޗާޓުގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނެ އެވެ.
ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި ދިވެހި ގައުމާ މުހާތަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރިގޮތުގެ މައްޗަށް ކަަމަށެެވެ.
މުއިއްޒު ވިދާޅުވީ، އެމަނިކުފާނު އެހެން ގައުމުތަކާ ރަހުމަތްތެރިވާނެ ކަމަށެވެ. އަދި އެއްވެސް ގައުމަކާއި ހަތުރުވެރިކަމެއް ނުވަތަ ހަސަދަވެރިކަމެއް ނުބާއްވަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި އަވަށްޓެރިންނާއި ދުރު ގައުމުތަކުގެ މީހުންނަށްވެސް އިހުތިރާމް ކުރައްވާނެ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން" މުއިއްޒު ވިދާޅުވި އެވެ.
"އެ އިހުތިރާމް ލިބެން ޖެހޭނެ، އިރާދަކުރެއްވިއްޔާ އެ ހައްގު ނިގުޅައިގަންނާކަށް އެ ފުރުސަތެއް ނުދޭނަން، ދިވެހިންނަނީ މިނިވަންކަމުގެ ދަރިން، ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން ދިވެހިން މި އަންނަނީ، މި ދިވެހި ލޮބުވެތި ފަސްގަނޑު މިނިވަންކަންމަތީ އެތައް ޒަމާނަކަށް ބަލަހައްޓަމުން. އެއީ ދިވެހިން ރައްޔިތުން އެދޭ ގޮތް، ދިވެހިންގެ ނަފްސާއި ފުރާނައިގެ ނިންމުން.".
ރައްޔިތުންގެ ނިންމުމަށް އަބަދުވެސް ކަމާ ހިއްތަވާނެ ކަމަށާއި، ހިމޭން ރީތި މިންގަނޑުގެ އެހީގައި ރާއްޖެއަކީ ބޭރުގެ އެއްވެސް ސިފައިން ނެތް ރާއްޖެއަށް ހައްދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.