ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަނިޔާ ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެމަނިކުފާނު މިނިވަންކުރުމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ޔާމީނާ މެދު ޕީޕީއެމް އިން އަމަލުކުރިގޮތުން އެއީ އަނިޔާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ [މި ސަރުކާރުން] ރައީސް ޔާމީނަށް އަނިޔާ ކުރުމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމަށް," ޑރ. ޖަމީލް ވިދާޅުވި އެވެ.

ޔާމީން މިނިވަންކޮށްދެއްވާނެކަމުގެ ޔަގީންކަން ރިޔާސީ ކެމްޕޭނުގައި ޑރ. މުއިއްޒު ދެއްވިކަން ޑރ. ޖަމީލް ހަނދާންކޮށްދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ފެންނަމުން މިދަނީ އުންމީދުކުރި މަންޒަރެއް ނޫން ކަމަށެވެ.

އެމަނިކުފާނު ތަކުރާރުކޮށް މިރޭ ވެސް ވިދާޅުވީ ޔާމީނަށް ކޮށްފައި ވަނީ ހައްގު ނޫން ދައުވާތަކެއް ކަމަށެވެ. ހަމައެހެންމެ އެއީ އެއްވެސް އަސާސެއް ނެތް ދައުވާތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ އިންސާފުވެރިކޮށް ބަލައި އެ ހިޔާނާތުގެ ފައިސާ ހޯދަން ނޫޅޭކަން މިއަދު ހާމަވެފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ އެކަމުގެ މޭސްތިރިން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް މައާފްދީ މިނިވަންކޮށްލުމެވެ.

"މި އުޅެނީ ކޮރަޕްޝަންގެ ފައިސާ ހޯދަން ކޮންމެހެން ކޮށްގެން އުޅޭ ކަމެއް ނޫނޭ. މިއީ ޕޮލިޓިކަލީ މޯޓިވޭޓެޑް ޗާޖެކޭ. އެހެންކަމަށް ވަންޏާ އަޅުގަނޑު ގަބޫލުކުރަނީ އަލަށް އަންނަ ރައީސުލްޖުމްހޫރިއްޔާގެ ބަންޑާރަ ނައިބުގެ ޒިންމާއެއް އެބައޮތޭ މިހެން ހުރި ކަންކަމަށް ހައްލު ހޯދުމަށް," ޑރ. ޖަމީލު ވިދާޅުވި އެވެ.

ޔާމީންގެ މަޝްވަރާޔާ ނުލައި ޕީޕީއެމްގެ ލީޑާޝިޕުން ކަންކަން ނިންމާތީ އެމަނިކުފާނު ވަނީ އެ ޕާޓީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފަ އެވެ.

ޑރ. ޖަމީލް ވިދާޅުވީ އިންތިހާބުވި ފަހުން ޔާމީން ގުޅުއްވުމުން ޑރ. މުއިއްޒު ފޯނު ނުނަންގަވާ ކަމަށެވެ. އަދި ޕީއެންސީގެ ޗެއާޕާސަންގެ އާއިލާގެ ބޭފުޅުންނަށް ސަރުކާރުގެ އިސް މަގާމްތައް ހަމަޖައްސައި ޔާމީނާ ކުރިން އޮތް ގުޅުން ނުބާއްވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.