ބޮލީވުޑްގެ ސުޕަ ސްޓާރުންގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާން އެކުގައި ފިލްމަކުން ފެނިގެން ހިނގައިދާނެ ކަމުގެ އިޝާރާތެއް ސަލްމާން ދީފި އެވެ.

ދާދި ފަހުން ޒޫމް ޓީވީއަށް ދިން އިންޓަވިއުއެއްގައި ސަލްމާން ބުނީ މިހާރު އާއްމުންނަށް ކަމުދަނީ މަލްޓި ސްޓާރުންގެ ފިލްމުތައް ކަމަށާއި އެހެން ކަމުން އެ ތިން މީހުން އެކުގައި ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޔަޖް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްގައި މިހާރުވެސް ސަލްމާންއާއި ޝާހްރުކް ޚާން ފެންނައިރު އާމިރު ޚާން ވެސް އެ މީހުންނާ ގުޅުމަށް ސަލްމާން ލަފާދީފައިވެ އެވެ.

ސަލްމާން ބުނީ އޭނާއާއި ޝާހްރުކް ޚާންއަކީ "ޖޭ" އާއި "ވީރޫ" ކަމަށާއި އެ ދެމީހުން ކުރިމަތިލާނެ "ގައްބަރު"އެއް ބޭނުންވާ ކަމަށެވެ. އޭނާ އިޝާރާތް އެކުރީ އެ ދެމީހުންގެ ފިލްމުގައި އާމިރު ނެެގެޓިވް ރޯލަކުން ފެނުމަށެވެ.

އެ އިންޓަވިއުގައި ސަލްމާން ވަނީ ޝާހްރުކް ޚާންއާއި ސަލްމާން ޚާން އެކުގައި ފެންނަ "ޓައިގާ ވާސަސް ޕަތާން"ގެ އެންމެ ފަހުގެ ތަފްސީލުތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން އެއީ ވަރަށް އަވަހަށް ވާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޝާހްރުކް ޚާންގެ ފިލްމް "ޖަވާން"ގައި ސަލްމާންގެ ހާއްސަ ފެނިލުމެއް ފެނުނުއިރު ސަލްމާންގެ "ޓައިގާ 3"ގައި ޝާހްރުކް ޚާން ވެސް ވަނީ ހާއްސަ ފެނިލުމަކުން ފެނިފަ އެވެ.

ޝާހްރުކް، ސަލްމާން އަދި އާމިރު އެކުގައި އެއް ފިލްމަކުން ފެނިއްޖެނަމަ އެކަން ވާނީ ބޮލީވުޑްގެ ތާރީހުގައި އަލަށް މި ތިން ތަރިން އެކުގައި ފިލްމަކުން ފެންނަ ފެނުމަށެވެ.