ޖަރުމަންގެ ޝާލްކާ އަށް ކުޅެމުންދިޔަ ތުރުކީގެ ޑިފެންޑަރު އޮޒާން ކަބަކް ލިވަޕޫލާ ގުޅުނުއިރު، އާސެނަލްގެ ޖަރުމަން ޑިފެންޑަރު ޝޮދްރާން މުސްތާފީ ޝާލްކާ އަށް ބަދަލުވެއްޖެ އެވެ.

ޖަނަވަރީ މަހުގެ ޓްރާންސްފާގެ ފަހު ދުވަހު ކަބަކް ލިވަޕޫލަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި ސީޒަންގެ ނިޔަލަށް ކަބަކް ލިވަޕޫލްގައި މަޑުކުރާނެ އެވެ.

ކަބަކް 20، ގެ އިތުރުން ޕްރެސްޓަން ނޯތު އެންޑްގެ ޑިފެންޑަރު ބެން ޑޭވީސް ވެސް ވަނީ ލިވަޕޫލާ ގުޅިފަ އެވެ.

އަނިޔާގެ މައްސަލަތަކާ ގުޅިގެން ލިވަޕޫލްގެ މުހިންމު ޑިފެންޑަރުން ކަމަށްވާ ޖޯލް މަޓިޕް އާއި ވާޖިން ވެން ޑައިކް އަދި ޖޯ ގޯމޭޒް ކުޅުމާ ދުރުގައި ތިބުމުން، ލިވަޕޫލް އިން ޖަނަވަރީ މަހުގެ ޓްރާންސްފާގައި އެންމެ އިސްކަމެއް ދިނީ ޑިފެންޑަރެއް ހޯދުމަށެވެ. ކަބަކް އަކީ އުންމީދީ ޑިފެންޑަރެކެވެ. މި ސީޒަންގެ ނިޔަލަށް ލޯނު އެއްބަސްވުން އޮތް ނަމަވެސް، ލިވަޕޫލް އިން ބޭނުންވެއްޖެ ނަމަ ލޯނު އެއްބަސްވުން ނިމުމުން 18 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކާއެކު އޭނާ އެ ކްލަބުގައި ބެހެއްޓޭނެ އެވެ.

ކަބަކް ނެތްތަން ފޫބެއްދުމުގެ ގޮތުން ޝާލްކާ އިން މުސްތާފީ ގެންދިޔައީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަސުންނެވެ. ޖަރުމަންގެ ގައުމީ ޓީމާއެކު 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލި މުސްތާތީ އަށް މި ސީޒަންގައި އާސެނަލްގެ ފުރަތަމަ 11 އިން ޖާގައެއް ނުލިބެ އެވެ.

ވެލެންސިއާ އިން 2016 ވަނަ އަހަރު އާސެނަލްއާ ގުޅުނު މުސްތާފީ ވަނީ އާސެނަލް އަށް 151 މެޗު ކުޅެދީފަ އެވެ. – ބީބީސީ