ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއަށް ގެއްލުނު ސަރަހައްދު ހޯދުމުގެ މަސައްކަތް އަވަސް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ސަރުކާރަށް ގޮވާލައްވައިފި އެވެ.
ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ދައުލަތުން ކުރިން ނިންމި ނިންމުން ބަދަލުކުރިކަން އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާތީ މި ދަނޑިވަޅުގައި އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހިންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައި ދެއްވުމަށް ވިސްނުންތެރި ކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފަށްޓަވައި ދެއްވުން ރައީސް މުއިއްޒުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެނުގައި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިމައްސަލަ އިސްތިއުނާފަށް ވައްދާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާކަން ގާސިމް އިބްރާހިމް ފާހަގަ ކުރައްވާފައިވެ އެވެ.
"މިމައްސަލައަކީ އަޅުގަނޑުވެސް ފާއިތުވީ ރިޔާސީ އިންތިހާބުގައި ހައްލު ހޯދުމުގެ އަޒުމުގައި ނުހަނު ބޮޑަށް ވަކާލާތު ކުރި ގައުމީ މައްސަލައެއް ކަމުގައިވާތީއާއި، އިނގިރޭސި ދައުލަތުން ފަހުން ނިންމާފައިވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ކަނޑުގެ ސަރަހައްދު އަލުން ދިވެހިންނަށް ފުރިހަމައަށް ލިބުމުގެ ފުރުސަތު ވަނީ ބޮޑުވެފައި" ގާސިމް ވިދާޅުވި އެވެ.
މި މަސައްކަތުގައި ރައީސް މުއިއްޒަށް ދެއްވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އޭނާ އާއި އޭނާގެ ޕާޓީން ތައްޔާރަށް އޮތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއެރި ސަރަހައްދުގެ މައްސަލަ ނިންމައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) މައްސަލަ ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ 28 ވަނަ ދުވަހުއެވެ.
މޮރިޝަސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ޗާގޮސް، އިނގިރޭސި ސަރުކާރުން ގަތުމަށް ފަހު ޗާގޮސްގެ ރަށެއް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) އޮންނަނީ 2036 ވަނަ އަހަރާ ހަމައަށް އެމެރިކާ އަށް ކުއްޔަށް ދީފަ އެވެ. ނަމަވެސް 2019 މޮރިޝަސްއިން ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިޓްލޮސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ވިލާތަށް އަންގައިފަ އެވެ.
އޭގެ ނަތީޖާއެއްގެގޮތުން، ދިވެހިން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ބޮޑު ސަރަހައްދެއް ދިވެހި މަސްވެރިންނަށް ގެއްލިގެންދިޔައެވެ.