ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ހޭދަކުރި ފައިސާގެ ބަދަލެއްގެ ގޮތުން ދެ ލައްކަ ރުފިޔާ ދޭނެކަމަށް ރިޔާސީ ކެމްޕޭން ތެރޭގައި ވައުދުވެވަޑައިގަތުމަށްފަހު ވެރިކަމަށް ވަޑައިގެން ފްލެޓް ލިބުނު މީހުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު "ދޯކާ"އެއް ދީފި އެވެ.

ހިޔާ ފްލެޓް ލިބުނު މީހުން ފިނިޝިންގެ މަސައްކަތްތަކަށް ލޯނު ނަގައިގެން ބޮޑު ހޭދައެއްކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް، އެ ލޯނު ދެއްކުމުގައި ރައްޔިތުންނަށް ލުއިގޮތްތަކެއް ފަހިކޮށްދެއްވާނެ ކަމަށް ރިޔާސީ ކެމްޕޭންގެ ތެރޭގައި މުއިއްޒު ވައުދުވެވަޑައިގަތެވެ. އެގޮތުން ފްލެޓް ލިބުނު ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ދޭނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ހަތް އަހަރުގެ މުއްދަތަކަށް ހިޔާ ފްލެޓްގެ ކުލިން ދެ ލައްކަ ރުފިޔާ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ހަތް އަހަރު ވަންދެން މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 3،984 އެވެ.

މިއީ އެމަނިކުފާނު ކެމްޕޭން ތެރޭގައި ވިދާޅުވި ބަސްފުޅުގެ ރޫހާ މުޅިން ހިލާފު ނިންމުމެކެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ އެވްރެޖް އަގެއް ދޭނަމޭ. ބައެއް ބޭފުޅުން ވަރަށް އަގުބޮޑުކޮށް އެބަހުރި އެޕާޓްމެންޓްތައް ހަދާފައި، އެހެންވީމަ އެއްކޮށް ކަވާ ނުދެވިދާނޭ. އެހެން ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމަ އޭރު އަޅުގަނޑުމެން ހެދި ހިސާބުން ބަލާނަމަ އެވްރެޖްކޮށް ދެލައްކަ ރުފިޔާ އެއީ. އެހެންވީމަ އެ އަނބުރާ ދޭނަމޭ،" ކެމްޕޭން ތެރޭގައި މުއިއްޒު ވިދާޅުވެފައިވެ އެވެ.

މިކަމާ ގުޅިގެން ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ހިޔާ ފްލެޓްގައި ދިރިއުޅޭ މީހަކު "ހުރިހާ"އާ ވާހަކަދައްކަމުން ބުނިގޮތުގައި އެ މީހުން ބޭނުންވަނީ ފިނިޝިންގެ މަސައްކަތަށް ނެގި ލޯނު އެއްފަހަރާ ދައްކައި ހާލާސްކޮށްލުމަށެވެ. މުއިއްޒު ކެމްޕޭން ތެރޭގައި އެ ވައުދު ވެވަޑައިގަތުމާއެކު އޭނާ ހުރީ ލޯނު އެއްފަހަރާ ދެއްކޭނެ ކަމުގެ އުންމީދުގައި ކަަމަށާއި ނަމަވެސް މިއަދު އެ އުންމީދުތައް ފެނަށްވީ ކަމަށް އޭނާ ކިޔައިދިނެވެ.

"ނުވާނެ ކަންތައްތައް ވާނެ ކަމަށް ރައްޔިތުންނަށް ދައްކައިގެން ކެމްޕޭން ތެރޭގައި މުއިއްޒު ދެއްކީ ހުވަފެނެއް. މިއަދު އަޅުގަނޑުމެން ވަރަށް ދެރަވެއްޖެ. ކުރި ވަރަށް ބޮޑު އުންމީދެއް ނުވާނެކަން އެނގުނީމަ،" އޭނާ ކިޔަިއދިނެވެ.