މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސްގެ އިތުރު ފަންނާނުންތަކެއް އެގައުމުގެ އަސްކަރީ ޚިދުމަތާ ގުޅިއްޖެ އެވެ. މިފަހަރު އަސްކަރިއްޔާއާ ގުޅިފައިވަނީ ބޭންޑް ލީޑަރު އާރްއެމްއާއި ވޯކަލިސްޓް ވީގެ އިތުރުން ޖަންކޫކްއާއި ޖިމިން އެވެ.
މިދިޔަ ހޯމަ ދުވަހު އާރްއެމް އާއި ވީ އަސްކަރިއްޔާއާ ގުޅުނުއިރު އޭގެ ކުރިން ބީޓީއެސްގެ ރަސްމީ އެކްސްގެ އެކައުންޓުން ވަނީ އެ ބޭންޑުގެ ހުރިހާ މެމްބަރުން އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ.
އެއާއެކު ބޭންޑުގައި އަސްކަރިއްޔާއާ ނުގުޅި ބާކީ ތިބި ދެ ތަރިން ކަމަށްވާ ޖިމިންއާއި ޖަންކޫކް ވެސް ވަރަށް އަވަހަށް އެ ހިދުމަތާ ގުޅޭނެ އެވެ.
ހިދުމަތާ ގުޅުމުގެ ކުރިން ބޭންޑް ލީޑަރު އާރްއެމް ހިއްސާކުރި އަސަރުގަދަ މެސެޖެއްގައި ބުނެފައިވަނީ މިއީ ވަގުތީ ވަކިވުމެއް ކަމަށާއި އެ ބޭންޑް އަލުން އެނބުރި އަންނާނެ ކަމަށެވެ.
މިހާރުވެސް އަސްކަރީ ހިދުމަތް ފުރިހަމަ ކުރަމުން އަންނަ އެ ބޭންޑުގެ ތަރިންގެ ތެރޭގައި ހިމެނެނީ ޖޭހޯޕް، ސުގާ އަދި ޖިން އެވެ.
ދެކުނު ކޮރެއާގެ 18 އަހަރުން މަތީގެ ކޮންމެ ފިރިހެނަކު ވެސް ވަކި މުއްދަތަކަށް އަސްކަރިއްޔާއަށް ހިދުމަތް ކުރުމަކީ އެގައުމުގެ ގާނޫނު ލާޒިމްކުރާ ކަމެކެވެ. ބީޓީއެސްގެ މެމްބަރުން ފުރިހަމަ ކުރާނީ 18 މަސް ދުވަހެވެ.