ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ފައިލޭރިޔާގެ ކޭސްތަކެއް ކުޅުދުއްފުށިން ފެނިއްޖެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެގޮތުން އެ ސިޓީގައި މި މަހުގެ ފުރަތަމަ ދެ ދުވަހު ހިންގުނު ހަރަކާތްތަކުގެ ތެރެއިން ބިދޭސީންނަށް އަމާޒުކޮށްގެން ހެލްތު ކޭމްޕެއް ހިންގުނު ކަމަށާއި މިގޮތުން ކުރެވުނު ސްކްރީނިން ޓެސްޓްތަކުގެ ތެރެއިން ބައެއް ފަރާތްތައް ފައިލޭރިޔާއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
"މިގޮތުން ފައިލޭރިޔާ ސްކްރީނިން ޓެސްޓަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި އެކުގައި ދިރިއުޅޭ ފަރާތްތަކުގެ ޓެސްޓްތައް ހެދުމުގެ މަސައްކަތްތައް ކުރެވެމުންދާކަމުގައިވެސް ދަންނަވަމެވެ." އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ސްކްރީނިން ޓެސްޓުން ޕޮޒިޓިވް ވާ ފަރާތްތަކުގެ ބަލި ހުރިކަން ޔަގީންކުރުމަށްޓަކައި އިތުރު ކޮންފަމޭޓަރީ ޓެސްޓް ހެދުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށެވެ. އަދި ފައިލޭރިޔާ ހުރިކަން ޔަގީންވާ ފަރާތްތަކަށް ދެވޭ ފަރުވާއަކީ އެއްފަހަރު ބޭނުންކުރާ ދެ ބޭހެއްކަންވެސް އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެ އެވެ.
ރާއްޖެއިން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫންނެވެ. އެއަށްފަހު 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިފައިނުވާ ކަމަށް ހެލްތު މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.
ރާއްޖެއިން ފައިލޭރިއާ ނައްތާލެވިފައިވާކަން ޔަގީންކުރަން ޑަބްލިއުއެޗްއޯގެ ޓީމެއް 2011 ވަނަ އަހަރު ރާއްޖެ އަ އެވެ. އެ ބަލި ނައްތާލެވިފައިވާ ގައުމުތަކުގެ ގޮތުގައި ރާއްޖެ ހިމަނާފައިވަނީ 2016 ވަނަ އަހަރު އެވެ.
ފައިލޭރިޔާ އާއްމުކޮށް ފެތުރެނީ ހަޑިފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. މިއީ ޑެންގީ އަދި ޗިކުންގުންޔާ ފަތުރާ އީޑީސް މަދިރިޔާއި ތަފާތު މަދިރިއެކެވެ.
ފައިލޭރިޔާ ފެތުރެނީ މި މަދިރި އިންސާނާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި، "ވޫކެރީރިއާ ބެންކްރޮފްޓީ" ކިޔާ ފަންޏެއް ހަށިގަނޑުގެ ތެރެއަށް ވާސިލުވެގެންނެވެ. މި ފަނި ދިރިއުޅެނީ އިންސާނާގެ ހަށިގަނޑުގައިވާ ލިމްފް ގޮށްތަކާއި ލިމްފް ދައުރުކުރާ ހޮޅިތަކުގެ ތެރޭގަ އެވެ. އެއަށް ފަހު ބޮލުގެ ތެރެއިން އަގަޔާއި، ތުންފަތަށް ވާސިލްވެ އެވެ.