މުޅި ރާއްޖޭގައި މިއަދު ކޮވްޑް ވެކްސިން ދޭން ފަށައި، ޖުމްލަ 742 މީހުންނަށް މިއަދު ވެކްސިން ދީފި އެވެ.

އެޗްޕީއޭއިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ވެކްސިން ދިން މީހުންގެ ތެރޭގައި މާލެ ސަރަހައްދުގައި ވެކްސިން ޖެހި 643 މީހުންނާއި އަތޮޅުތެރެއިން ވެކްސިންޖެހި 99 މީހުން ހިމެނެ އެވެ.

ރާއްޖޭގައި މިހާތަނަށް ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދަކީ 1،578 އެވެ. އެއީ މާލެ ސަރަހައްދުން 1،309 މީހުންނާއި އަތޮޅުތެރެއިން 269 މީހުންނެވެ.

މާލެ ސަރަހައްދުގައި މިވަގުތު ކޮވިޑް ވެކްސިން ދިނުމަށް ހަ ސެންޓަރެއް ވަނީ ކަނޑައެޅިފަ އެވެ. އަދި ތިން އަތޮޅެއްގައި މިހާތަނަށް ވަނީ ވެކްސިންދޭނެ ގޮތް ފަހިކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖެހީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށެވެ. މިހާރު ވަނީ، މާލެ ސަރަހައްދުގައި އުޅޭ 65 އަހަރުން މަތީ މީހުންނަށް ވެކްސިންދޭން ފައްޓާފަ އެވެ.