ހުއްދަ ނެތި ފަހަތުން ފޮޓޯ ނަގާ ފޮޓޯގްރާފަރުންނާއި މީޑިއާ ޕްލެޓްފޯމްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އިންޒާރު ދީފި އެވެ.

މަޝްހޫރު ރިއަލިޓީ ޝޯވް ބިގް ބޮސް 20ގައި ވާހަކަ ދައްކަމުން އޭނާ ވަނީ އަންހެން ފަންނާނުންގެ ހުއްދަ ނުހޯދައި އެފަދަ ފޮޓޯތައް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަ ކޮށްފަ އެވެ.

މި ޝޯވްގައި ބައިވެރިވި ބަތަލާ ނޭހާ ދުޕިޔާ ވަނީ އަންހެނުންނަށް ކުރިމަތިވާ މިފަދަ އުނދަގޫތަކާ ދެކޮޅަށް ސަލްމާން އަޑު އުފުލުމުން އޭނާއަށް ޝުކުރު އަދާކޮށްފަ އެވެ.

ސަލްމާން ބުނެފައިވާ ގޮތުގައި މީގެ ކުރިންވެސް އޭނާ މިކަމާ ގުޅޭގޮތުން ނުރުހުން ފާޅު ކޮށްފައި ވީނަމަވެސް، ބައެއް ފޮޓޯގްރާފަރުން އެ ވާހަކަތަކަށް ސަމާލުކަމެއް ނުދީ މަޖަލަކަށް ހަދާފައިވެ އެވެ.

އަންހެން ތަރިންނާއި ފިރިހެން ތަރިން ހިމެނޭ ގޮތަށް ބައެއް ފަންނާނުން އަމިއްލައަށް ފޮޓޯގްރާފަރުންނަށް ފައިސާ ދީގެން މިފަދަ ފޮޓޯތައް ނަގުވާ ކަމަށް ސަލްމާން ތުހުމަތު ކޮށްފައިވެ އެވެ.

ނަމަވެސް އެފަދަ ކަންކަމަކީ އެހެން މީހުންނަށް އުނދަގޫވާ ގޮތަށް ކަންކަން ކުރުމުގެ ހުއްދަ ލިބޭ ސަބަބެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.