އެމްޑީޕީއަށް ވެރިކަން ނުލިބުމުން ރައީސް އާއި ނައިބު ރައީސްގެ މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެނައުމަކީ ތުހުރު އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރައީސް އާއި ނައިބު ރައީސް ފަސޭހައިން މަގާމުން ދުރުކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާ ބެހޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އިދިކޮޅުން އެކަން ކުރަނީ "އެ ގޮތް މި ގޮތަށް އޮޅުވާލައިގެން ކަންތައްތައް ކުރުމަށް" ކަމަށެވެ.
"މިއަދު އެމްޑީޕީގައި މެޖޯރިޓީ އޮތީމާ ތި ބޭފުޅުން މަޖިލީހުގެ ގަވާއިދަށް، އެގޮތަށް އެކަން ކުރައްވައިފިނަމަ ވަރަށް ހަޑިހުތުރު ކަމެއް. އެމްޑީޕީއަށް ވެރިކަން ނުލިބުނީމާ ރައީސުލްޖުމްހޫރިއްޔާކަމަށް އައި ބޭފުޅަކު ނައިބާ އެއްކޮށް މަގާމުން އަޒުލުކުރަން އެކަން ކުރަން ވިސްނުމެއް އޮތްކަމަށް ޕަބްލިކްގެ ތެރޭގައި ވާހަކަދެކެވުމުގެ ޖާގަ އެބަ ލިބޭ،" ގާސިމް ވިދާޅުވި އެވެ.
މި މައްސަލައިގައި ބަހުސް ކުރައްވަމުން ގާސިމް އިތުރަށް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެން ރަނގަޅަށް ސަރުކާރު އެކުލަވައިނުލެވި އުޅެނިކޮށް ރައީސް އަޒުލުކޮށް މަގާމުން ދުރުކުރުމުގެ ވާހަކަދެއްކުމަކީ "ހަޑިހުތުރު" ކަމެއް ކަމަށެވެ. އެއާއެކު، ވަޒީރުންނަށް ރުހުން ނުދީ ތިބުމަކީވެސް ގޯސް ޚިޔާލެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވަޒީރުންނަށް ރުހުންދޭން ވުޒާރާތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެނގެން ނުޖެހޭނެ ކަމަށާއި އެ ބޭފުޅުން މަގާމާއި ހަވާލުވެވަޑައިގެން އެއްވެސް ގޯހެއް ހެދޭނަމަ މަޖިލީހުން އެބޭފުޅުންނާއި ސުވާލުކޮށް ޒިންމާދާރުކުރުވަން މަސައްކަތް ކުރެވިދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ހަމަ ކުއްލިއަކަށް މިހާރު ފެންމަތިވެގެން މި އުޅެނީ އަދި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް ވެސް އެކުލަވާނުލެވިގެން އުޅެނިކޮށް، ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒުލު ކުރުމާ ބެހޭ ގޮތުން ހުރި މާއްދާތަކަށް ބަދަލު ގެނެސްގެން، ފަސޭހަ ކޮށްގެން، ލުއި ކޮށްގެން، އެ ގޮތް މި ގޮތަށް، ގާނޫނުއަސާސީއާ ހިލާފަށް އެކަން ކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް އޮތް ވާޖިބެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
އެގޮތުން، އިސްލާހު ނުވާ ވަޒީރުންނާއި ދޭތެރޭ ނޯ ކޮންފިޑެންސް ވޯޓެއް ނަގައިގެން މަޤާމުން ވަކި ކުރުމުގެ އިޚްތިޔާރު މަޖިލީހަށް ލިބިގެންވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އަޒުލު ކުރެއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރިގޮތަށް އެމްޑީޕީ އަގުލަބިއްޔަތު އޮންނަ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
ތިމާ ތާހިރު މީހެއް ކަމަށް އަމިއްލައައް ފެނިގެން އުޅިގެންވީ ހަރާބު އަނގަމަޑުންލާގެން ހުރެވޭތޯބަލާ ދެންވެސް އެމީހުން ނޫޅޭ ވެރިކަން ވައްޓާލާކަށް އަމިއްލައަށް ބޭޒާރު ނޫވޭ