ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ފައިލޭރިޔާއަށް އިތުރު ދެ މީހަކު ހދ. ކުޅުދުއްފުށިން ޕޮޒިޓިވްވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ފަހުން ހެދި އެންޓި-ޖެން ޓެސްޓުތަކުން އިތުރު ދެ މީހަކު ފައިލޭރިޔާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންވެ، މި ވަގުތު 19 މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ހޮސްޕިޓަލުން ހާމަކުރެ އެވެ.

ކުޅުދުއްފުށިން ފައިލޭރިޔާ ބަލި ފެނުނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު އެ ރަށުގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ބޭއްވި ހެލްތު ކޭމްޕެއްގެ ތެރެއިނެވެ. އެފަހަރު ހެދި ޓެސްޓްތަކުން 17 މީހުން އެ ބައްޔަށް ޕޮޒިޓިވްވި އެވެ. ފަހުން ވަނީ އެމީހުންނާ ގުޅުން ހުރި ބަޔަކު ޓެސްޓުތައް ހަދައިފަ އެވެ.

އެ ބައްޔަށް ޕޮޒިޓިވްވީ އިންޑިއާ ބައެކެވެ. އެ އެންމެންނަކީ ވެސް ކޮންސްޓްރަކްޝަން މަސައްކަތަކަށް އެ ރަށަކަށް މި ފަހުން ދިޔަ، ދެ ކުންފުންޏެއްގެ މުވައްޒަފުންތަކެކެވެ. ފަހުން ފައިލޭރިޔާ ޖެހުނީ ވެސް، އެ މީހުންނާ އެއްކޮށް އުޅޭ އިންޑިއާ ދެ މީހުންނަށެވެ.

ރާއްޖެއިން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫންނެވެ. އެއަށްފަހު 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިފައިނުވާ ކަމަށް ހެލްތު މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.

ރާއްޖެއިން ފައިލޭރިއާ ނައްތާލެވިފައިވާކަން ޔަގީންކުރަން ޑަބްލިއުއެޗްއޯގެ ޓީމެއް 2011 ވަނަ އަހަރު ރާއްޖެ އަ އެވެ. އެ ބަލި ނައްތާލެވިފައިވާ ގައުމުތަކުގެ ގޮތުގައި ރާއްޖެ ހިމަނާފައިވަނީ 2016 ވަނަ އަހަރު އެވެ.

ފައިލޭރިޔާ އާއްމުކޮށް ފެތުރެނީ ހަޑިފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. މިއީ ޑެންގީ އަދި ޗިކުންގުންޔާ ފަތުރާ އީޑީސް މަދިރިޔާއި ތަފާތު މަދިރިއެކެވެ.